އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލާގައި މިއަދު ބާއްވަން ތާވަލުކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

އެ މައްސަލަ މިއަދު ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައި އޮތީ ހެނދުނު 9:00 އަށެވެ. މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައި ވަނީ މިމައްސަލާގައި ދައުވާލިބޭ އެއް ފަރާތްކަމަށްވާ މއ. ކުރިކީލަހިޔާ އަހުމަދު ކުރިކް ރިޒާ ބަލިވެ އުޅޭތީއެވެ. އިއްޔެ ތާވަލުކުރި އަޑުއެހުން ވެސް ކެންސަލް ކޮށްފައި ވަނީ ރިޒާ ބަލިވެ އުޅޭތީއެވެ.

އިއްޔެއާއި މިއަދަށް ތާވަލްކޮށްފައި އޮތީ އެ ޝަރީއަތުގައި ދައުލަތުން ހުށަހަޅާފައިވާ ހެކިން ހާޒިރު ކުރުމެވެ. މިއަދުގެ އަޑުއެހުންތައް ކެންސަލް ކުރި ނަމަވެސް އީދު ބަންދަށް ފަހު އަލުން މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަން މިހާރު ވަނީ ތާވަލް ކޮށްފައެވެ. މިހާރު ތާވަލް ކޮށްފައި ވަނީ ޖުލައި 2 ވަނަ ދުވަހާއި 4 ވަނަ ދުވަހު މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.

މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދާތީ ޔާމީން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ދައުވާއެވެ. އަދި މި މައްސަލައިގައި ދައުލަތުން ވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ "ކްރިކް ރިޒާ" މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަން ސިޔާމްގެ ދެ ކުންފުންޏެއް މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ކޮށްފައެވެ.

ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ. އޭގެ ދެ މަސް ފަހުން ކުއްލި ގޮތަކަށް ކުރިމިނަލް ކޯޓުން ވަނީ 52.6 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ޔާމީންގެ މައްޗަށް އަމުރު ކުރި ނަމަވެސް އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ބާތިލު ކޮށްފައެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ވެސް މިހާރު ވަނީ ހައިކޯޓަށް ބަލައިގެންފައެވެ.