ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އުފުލާފައިވާ އަހުމަދު ކްރިކް ރިޒާއަށް ބަލިވެ އުޅޭތީ މިއަދަށް ތާވަލްކުރި ޝަރީއަތް ކެންސަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ތާވަލްކޮށްފައި ވަނީ މިއަދު 9:00 ގައެވެ. މިއަދުގެ އަޑުއެހުން ކެންސަލްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ދައުވާ ލިބޭ އަހްމަދު ކްރިކް ރިޒާ ބަލިވެ އުޅޭތީ ކަމަށް އެކޯޓުން ބުނެއެވެ.

މިއަދާއި މާދަމާ އަށް ތާވަލްކޮށްފައި އޮތީ މި ޝަރީއަތުގައި ދައުލަތުން ހުށަހަޅާފައިވާ ހެކިން ހާޒިރު ކުރުމެވެ. މިއަދު ދެ ހެކިން ހާޒިރުކުރަން ހަމަޖެއްސިއިރު މާދަމާ ވެސް ދެ ހެކިން ހާޒިރުކުރަން ވަނީ ނިންމައިފައެވެ.

މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދާތީ ޔާމީން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ދައުވާއެވެ. އަދި މި މައްސަލައިގައި ދައުލަތުން ވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ "ކްރިކް ރިޒާ" މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަން ސިޔާމްގެ ދެ ކުންފުންޏެއް މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ކޮށްފައެވެ.

ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ. އޭގެ ދެ މަސް ފަހުން ކުއްލި ގޮތަކަށް ކުރިމިނަލް ކޯޓުން ވަނީ 52.6 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ޔާމީންގެ މައްޗަށް އަމުރު ކުރި ނަމަވެސް އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ބާތިލު ކޮށްފައެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ވެސް މިހާރު ވަނީ ހައިކޯޓަށް ބަލައިގެންފައެވެ.