ޖިންސީ ގޯނާ ފަދަ މައްސަލަތަކުގައި ހެކިންނަށް ބިރުދެއްކުމުގެ ސަބަބުން ދައުވާ ކުރަން ބޭނުން ނުވެ މައްސަލަތައް އަނބުރާ ގެންގޮސްފައި ހުރި ކަމަށާ، މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ކުރިއަށް ނުގެންދަން ނިންމީ އެފަދަ ސަބަބަކަށްވުން އެކަށީގެންވާ ކަމަށް އެމްއާރްއެމްއިން ބުނެފިއެވެ.

އެމްއާރްއެމްއިން އެފަދައިން ބުނީ އަލީ ވަހީދުގެ މައްޗަށް 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އުފުލާފައިވާ ދައުވާތައް ކުރިއަށް ނުގެންދަން ޕީޖީއިން ނިންމުމާ ގުޅިގެންނެވެ. އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ހަތް ދައުވާއަކީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތެއްގައި ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާއެކެވެ.

އެކަމާ ގުޅިގެން އެމްއާރްއެމްއިން ބުނީ ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ އަނިޔާ ކުރުމާއި ގެވެށި އަނިޔާ ފަދަ ކުށުގެ މައްސަލަތައް ނުބެލި ޝަރީއަތުގެ މަރުހަލާ ދިގުލައިގެން ދިއުމަކީ އަނިޔާ ލިބޭ މީހުންނާއި ހެކިބަސް ދޭ މީހުންނަށް ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިވެ މާޔޫސްވެގެން މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުގެ ހިތްވަރު އެލިގެންދާ ކަމެއް ކަމަށެވެ. އަދި އެންމެ ފަހުން ގޮތް ހުސްވެގެން މައްސަލަ އަނބުރާ ގެންދާ ކަމަށާއި އިންސާފު ހޯދުމަށްކުރާ މަސައްކަތުގައި ޝަރީއަތުގެ މަރުހަލާ ދިގުދެމިގެން ދިއުމަކީ އިންސާފު ނުލިބުން ފަދަ ކަމެއް ކަމަށެވެ.

އަނިޔާއާއި ފުރައްސާރައިން ރައްޔިތުންނަށް ރައްކާތެރިކަމާއި ހިމާޔަތް ހޯދައި ދިނުމަށް ގާނޫނާއި ގަވާއިދުތައް ހެދިފައި ވީ ނަމަވެސް އެ ބާވަތުގެ އަމަލުތަކުގެ ޝިކާރައަކަށް ވާ މީހުން ހުށަހަޅާ މައްސަަލަތަކުގެ ތެރެއިން ޝަރީއަތަށް ހުށަހެޅޭ ވަރަށް ހެއްކާއި ގަރީނާ ލިބެނީ މަދު ފަހަރަކުކަން ފާހަގަކޮށް އެ ޕާޓީއިން ބުނީ ޝަރީއަތަށް ހުށަހެޅޭ މައްސަލަ ކުރިއަށް ނުގެންދެވި މައްސަލަ އަނބުރާ ގެންދާނަމަ ގާނޫނާއި ގަވާއިދުތައް ހެދުމަކީ އެއްވެސް މަގްސަދެއް ހާސިލުވާ ކަމެއް ކަމަކަށް ނުފެންނަ ކަމަށެވެ.

އެމްއާރްއެމްއިން ބުނީ ދައުވާ އަނބުރާ ގެންގޮސް އަނިޔާލިބުމު މީހުންނަށް އިންސާފު ލިބުމުގެ ފުރުސަތު ގެއްލުގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެ މައްސަލަ ކުރިއަށް ނުގެންދެވުމަކީ ޖިންސީ ގޯނާ އާއި ރޭޕް ފަދަ ބޮޑެތި ކުށްތައް މަދުކޮށް ހުއްޓުވުމުގައި ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށެވެ. އަދި އެފަދަ އަމަލުތަކުގެ ވިކްޓިމުންނަށް ލިބޭ އިތުރު ނިކަމެތި ކަމެކަމަކާއި އެފަދަ އަމަލުތައްކުރާ މީހުންނަށް ލިބުނު ހިތްވަރެއް ކަމަށް ވެސް އެ ޕާޓީއިން ވަނީ ފާހަގަކޮށްފައެވެ.

އެމްއާރްއެމްއިން އިތުރަށް ބުނީ ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަކުރުމުގެ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ހެކީންނަށް ރައްކާތެރިކަން ލިބޭނެ ނިޒާމެއް ގާއިމް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި އިންސާފު ލިބުމުގައި ހާއްސަކޮށް އަންހެނުންނަށް ހުރި ގޮންޖެހުންތަކުން އަރައިގަނެ، އިންސާފު ލިބުމަށްހުރި ހުރަސްތައް ނައްތާލުމަށް އެޅެން ހުރި ފިޔަވަޅުތައް ވީހާ އަވަހަށް އެޅުމަށް ކަމާ ބެހޭ ފަރާތަތަކަށް އެމްއާރްއެމްއިން ވަނީ ގޮވާލާފައެވެ.