ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން 11 އަހަރަށް ޖަލަށްލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހުކުމުގެ އިސްތިއުނާގެ އަޑުއެހުންތައް އަވަސްކޮށް ވަގުތު ދިގުލައިގެން ދާނެ ގޮތައް ކުރިއަށް ގެންދިއުމަށް ޔާމީން އެދިވަޑައި ގެންފިއެވެ.
ޔާމީން ވިދާޅުވީ މި މައްސަލައަކީ އިސްތިއުނާފުގެ މައްސަލައަކަށް ވާތީ މި މައްސަލަ އަވަސްކޮށް އަދި ވަގުތު ދިގުލައިގެންދާ ގޮތަށް ކުރިއަށް ގެންގޮސް ދެއްވުން ނިހާޔަތަށް އެދޭ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގައި ހުށަހަޅާފައިވާ ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލަ ވަރަށް އަވަސް އަވަހަށް ދިގުކޮށް ކުރިއަށްދާކަން ރައީސް ޔާމީން ވަނީ ފާހަގަ ކުރައްވާފައެވެ.
މިކަމާ ގުޅިގެން ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ މައްސަލައަކީ ފ ގިނަ އަދަދެއްގެ ޑޮކިއުމަންޓްތަކެއް ވެސް ހިމެނޭ މައްސަލައެއް ކަމަށެވެ. އެގޮތުން ގާތް ގަނޑަކަށް މީގެ ކޮންމެ ރިޕޯޓެއްގަ 2000 ސޮފްހާއަށް ވުރެ ގިނަ އަދަދަކަށް ސޮފްހާ ހިމެނޭ ކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ. އެހެން ކަމުން ޝަރީއަތުން ދިރާސާކޮށް ރިއާޔަތް ކުރަންޖެހޭ ކަންކަމަށް ރިއާޔަތް ކުރުމާއެކު މައްސަލަ ވީހާވެސް އަވަހަކަށް ތާވަލުކޮށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޝަފީއު ވިދާޅުވިއެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ. އޭގެ ދެ މަސް ފަހުން ކުއްލި ގޮތަކަށް ކުރިމިނަލް ކޯޓުން ވަނީ 52.6 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ޔާމީންގެ މައްޗަށް އަމުރު ކުރި ނަމަވެސް އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ބާތިލު ކޮށްފައެވެ.
ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑާކުރުމުގެ ތުހުމަތުކޮށް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތްތައް އަވަސް އަވަހަށް ދިގުލައިގެންދާ ގޮތަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާތީ ޔާމީންގެ ވަކީލުން ކުރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެ ޝަރީއަތްތައް މާ އަވަސްއަވަހަށް ބާއްވާތީ އިސްތިއުނާފު ޝަރީއަތަށް ހުރަސްއެޅޭ ކަމަށް ވެސް ވަކީލުން ވަނީ ވިދާޅުވެފައެވެ.