ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން 11 އަހަރަށް ޖަލަށްލައި ހަ މަސް ދުވަހުގެ ތެރޭގައި 53 މިލިއަން ރުފިޔާ ދެއްކުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހުކުމުގެ އިސްތިއުނާގެ އަޑުއެހުން ހައި ކޯޓުގައި މާދަމާ އަށް ތާވަލްކޮށްފިއެވެ.

އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ވެސް ސާބިތުވެ 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

މި މައްސަލައިގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ މެންދުރުފަހު 02:00 އަށެވެ.

11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ މައްސަލަ ނުފެށި ލަސްތަކެއް ވަމުން އަންނާތީ އިދިކޮޅުން މީގެ ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ. އެ މައްސަލަ އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވީ މިދިޔަ ފެބްރުއަރީ މަހުއެވެ. އެހެންނަމަވެސް އިސްތިއުނާފްގެ ބައެއް ކަންކަން އިސްލާހުކުރަން އެންގުމުން އަލުން އެ މައްސަލަ ހުށަހެޅުމުން ހައި ކޯޓުން އެ މައްސަލަ ބަލައިގެންފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅެވެ.

މީގެ އިތުރުން ފުއްގިރި މައްސަލައިގައި މިހާރު ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށްދާއިރު އެ މައްސަލާގައި ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ދައުވާއެވެ.

އެ މައްސަލައިގައި ދައުލަތުން ވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ "ކްރިކް ރިޒާ" މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވާ، އެ ފައިސާ ސަން ސިޔާމްގެ ދެ ކުންފުނި މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ކޮށްފައެވެ.

އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ޔާމީންގެ މައްޗަށް އާރަށުގެ މައްސަލައިގައި ކުރި ހުކުމާ ގުޅިގެން އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެއްވުމުގެ ފުރުސަތު ކުޑައެވެ.