ރ.ފުއްގިރި ކުއްޔަށް ދިން މައްސަލާގައި ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ޕެންޑުރައިވުތަކުގައި ހުރި ޑާޓާއަކީ ކޮން ބައެއްގެ ފޯނުތަކުން ނަގާފައިވާ ޑާޓާކަން ކަށަވަރު ނުވާކަމަށް، އެ ޕެންޑުރައިވުތަކާ ގުޅޭ ތަހުލީލު ތައްޔާރުކުރި ފުލުސް އޮފިސަރު ވިދާޅުވެއްޖެއެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ދައުވާއެވެ. އަދި މި މައްސަލައިގައި ދައުލަތުން ވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި އެ ފައިސާ ސަން ސިޔާމްގެ ދެ ކުންފުންޏެއް މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ކޮށްފައެވެ.

އެ އެ މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ޑިޖިޓަލް ހެކީގެ އެނަލައިސިސް ތައްޔާރުކުރި ފުލުހުންގެ އޮފިސަރުންގެ ހެކިބަސް ނެގުން އިއްޔެއިން ފެށިގެން ބާއްވަމުންދާއިރު އިއްޔެ ބޭއްވި އަޑުއެހުމުގައި މި ހެކިވެރިޔާ ދައުލަތުން ކުރި ސުވާލުތަކަށް ވަނީ ދެއްވާފައެވެ. ނަމަވެސް ޝަރީއަތުގެ ވަގުތު ހަމަވުމުގެ ސަބަބުންނާއި، ގިނަ ދިފާއީ ވަކީލުންގެ އެދިލެއްވުމުގެ މަތިން، ހެކިވެރިޔާ ކްރޮސް އެގްޒެމިން ކުރުން މިއަދަށް ފަސް ވަނީ ފަސްކޮށްފައެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ހެކިވެރިޔާ ވިދަޅުވީ، ހެކީގެ ގޮތުގައި ގެނައި ތަކެތީގެ ޑްރައިވް ހުރީ އެންކްރިޕްޓް ކޮށްފައި (ޕާސްވޯޑެއް ބޭނުންކޮށްގެން ލޮކް ކޮށްފައި) ކަމަށެވެ. އެގޮތުން ޕާސްވޯޑު ހޯދުމަށްފަހު ޕެންޑްރައިވް ހުޅުވާ، އޭގައި ހުރި "ޒިޕް ފޯލްޑާ"ތައް ބަލާފައިވާ ކަމަށާއި ޕެންޑްރައިވްގައި ހުރީ ފޯނަކުން އެކްސްޓްރެކްޓް ކޮށްފައިވާ ޑޭޓާތަކެއް ކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރިޕޯޓު ތައްޔާރު ކުރުމަށް ތަހުގީގުކުރާ ފަރާތުން އެދިފައިވަނީ ވަކި މޯބައިލް ނަންބަރަކުން ކޮށްފައިވާ މުއާސަލާތުތަކެއް ހޯދުމަށް ކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ. ޕެންޑްރައިވުގައި ހުރި ފޯނުތަކުގެ ޑާޓާއަކީ ކާކުގެ ފޯނަކުން ނެގި ޑޭޓާއެއްކަން ނޭނގޭކަމަށް ހެކިވެރިޔާ ވިދަޅުވެފައިވާއިރު އެ ޕެންޑުރައިވުތަކަށް ޑާޓާ އެޅީ ކާކުކަން ވެސް އޭނާއަށް ނޭނގޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ. އޭގެ ދެ މަސް ފަހުން ކުއްލި ގޮތަކަށް ކުރިމިނަލް ކޯޓުން ވަނީ 52.6 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ޔާމީންގެ މައްޗަށް އަމުރު ކުރި ނަމަވެސް އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ބާތިލު ކޮށްފައެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ވެސް މިހާރު ވަނީ ހައިކޯޓަށް ބަލައިގެންފައެވެ.