ރަޝިއާ ދެކޮޅަށް ޔޫކްރައިން އިން ފަށާފައި ވާ ރައްދު ހަމަލާތަކުގައި ރަޝިއާގެ ޖެނެރަލެއް އަވަހާރަވެއްޖެ ކަމަށް ރިޕޯޓް ކޮށްފިއެވެ.
ރަޝިއާގެ 35 ވަނަ އާމީގެ ޗީފް އޮފް ސްޓާފް މޭޖާ ޖެނެރަލް ސާޖީ ގޮރިއަޗޭވް އަވަހާރަ ވި ކަމަށް ރިޕޯޓް ކޮށްފައި ވަނީ ރަޝިއާ އަށް ތާއީދު ކުރާ ޔޫކްރައިންގެ އޮފިޝަލެކެވެ. ޖެނެރަލް އަވަހާރަ ވި ކަމަށް ބުނެ އޭނާ ވަނީ ހިތާމަފާޅު ކުރާ ކަމަށް ވެސް ބުނެފައެވެ.
ރަޝިއާއިން ހިފާފައި ވާ ޒެޕްރޯޒިއާގެ ދެކުނުގެ ސަރަހައްދަށް ރަޝިއާއިން ކަނޑައަޅާފައި ހުންނަ އޮފިޝަލް ވްލަޑިމިއާ ރޮގޯވް ވިދާޅުވެފައި ވަނީ ޖެނެރަލް އަވަހާރަވީ، ޒެޕްރޯޒިއާ ސަރަހައްދުން ޔޫކްރައިންގެ ސިފައިން ދިން މިސައިލް ހަމަލާއެއްގައި ކަމަށެވެ.
މި ހަބަރު ރަޝިއާގެ އެއްވެސް އިދާރާއަކުން ޔަގީން ކޮށްދީފައި ނުވާ އިރު، ހަނގުރާމަ ކުރާ ފައުޖުތަކާ އެކު ކުރީ ސަފުގައި ރަޝިއާގެ ޖެނެރަލުން ބައިވެރިވެ ވަޑައިގަންނަވަމުން ގެންދަވާ ކަމަށް މީގެ ކުރިން ރިޕޯޓް ކޮށްފައި ވެއެވެ.
އުމުރުން 52 އަހަރުގެ ގޮރްޔަޗޭވް އަކީ ޗެޗެން ހަނގުރާމައިގައި ވެސް އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެން ގިނަ ތަޖުރިބާތަކާއެކު ގިނަ މެޑަލްތައް ލިބިވަޑައިގެންފައިވާ އޮފިސަރެކެވެ. އޭރު އޭނާ ވަނީ ޓެންކް ބްރިގޭޑްގެ ކޮމާންޑަރު ކަމާއި ތަޖިކިސްތާންގައި ހުންނަ ރަޝިއާގެ އަސްކަރީ ބޭހުގެ އިސް ވެރިޔާ ކަމާއި މޮލްޑޯވާގައި ހަރަކާތްތެރިވާ ރަޝިއާ ފައުޖުތަކުގެ އިސް ވެރިޔާ ކަންވެސް ކުރައްވާފައެވެ.
ޖެނެރަލް އަވާހަކަ ވި ކަމަށް އެންމެ ފުރަތަމަ ރިޕޯޓް ކުރީ، އަސްކަރީ ހަބަރުތައް ގެނެސްދޭ ބްލޮގަރު ވޮއެންކޯރު ޒެޑް ކިޔާ ބްލޮގަރެކެވެ.
މިއީ ތެދު ހަބަރެއް ނަމަ މިއީ ހަނގުރާމަ ފެށިފަހުން 2 އަހަރު ވާން ކައިރިވެފައި ވާ އިރު، ރަޝިއާ ފަޅިން އަވަހާރަ ވި އެންމެ އިސް އޮފިސަރަށް ވާނެެއެވެ.
ރަޝިއާ އާއި ޔޫކްރައިން ކުރަމުން ދާ ހަނގުރާމައިގައި ޔޫކްރައިންގެ ރައްދު ހަމަލާތައް ވަރުގަދަކޮށް ކުރިއަރަމުން ދާ އިރު، ޑިނިޕްރޯ ކޯރު ސަރަހައްދުގެ 4 ވިލެޖެއް މިހާރު އަނބުރާ އަތުލާފައިވާ ކަމަށް ޔޫކްރައިން ބުނެއެވެ. އަދި ޒެޕްރޯޒިއާ އާއި ޑޮނެސްކް ސަރަހައްދުން ވެސް ކުރިއަރަމުން ދާ ކަމަށް ބުނެއެވެ. އަނެއްކޮޅުން ރަޝިއާ އިން ބުނަމުން ދަނީ، ޔޫކްރައިންގެ ރައްދު ހަމަލާތައް މަތަ ކުރާ ކަމަށާއި ރޫކްރައިން ގެ ފައުޖުތަކަށް ބޮޑެތި ގެއްލުންތައް ލިބެމުން ދާ ކަމަށެވެ.