ކ. ހިންމަފުށީ ކައުންސިލުން 2020 ވަނަ އަހަރުގައި ހެދި އޮޑިޓް ރިޕޯޓުން ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފަށް މާލިއްޔާތާ ގުޅުން ހުރި ގިނަ މައްސަލަތަކެއް ފެނިފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި ކ. ހިންމަފުށީ ކައުންސިލް އިދާރާގެ 2020 ވަނަ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވަނީ ހަ މައްސަލައެއް ފާހަގަ ކޮށްފައެވެ. އެގޮތުން އެ ކައުންސިލުން އެ ރަށުގައި ޖަންބޯ ކޮތަޅު ބޭނުން ކޮށްގެން ޖަފަނާ ސަރަހައްދުގައި އަޅަން އުޅުނު ފާރުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މާލިއްޔަތު ގަވައިދާ ހިލާފަށް ކަމަށް އެ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ވާ ގޮތުން އެއްފަހަރާ ގަންނަ ތަކެތީގެ ޖުމްލަ އަދަދު ނުވަތަ ކުރާ މަސައްކަތުގެ ޖުމްލަ އަދަދު 35،000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ އާންމުކޮށް އިއުލާން ކޮށް އަންދާސީ ހިސާބު ހޯދުމަށް ފަހު އެންމެ އެކަށީގެންވާ ފަރާތަކާ ހަވާލު ކޮށްގެން މަސައްކަތް ކުރިއަށް ގެންދިއުމަށް ބުނެއެވެ.

ނަމަވެސް އެ ކައުންސިލުން ވަނީ އެ ފާރު އެޅުމަށް ބިޑް ކޮމިޓީއަށް އެންގުމެއް ނެތި ޕްރޮކިއުމަންޓް ގަވައިދާ އެއްގޮތަށް އަމިއްލަ ފަރާތަކާ އެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ. އެ މަސައްކަތް ކުރަން ހަވާލު ކުރީ، 111،300 ރުފިޔާއަށެވެ. މި މަސައްކަތް ހަވާލު ކުރި އިރު، ހަވާލުކުރި ފަރާތުގެ މާލީ އަދި ފަންނީ ގާބިލްކަން ކަށަވަރު ކުރުމެއް ނެތި އެ މަސައްކަތް ހަވާލު ކޮށްފައިވާ ކަމަށް ވެސް އެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެެވެ.

ހަމައެއާއެކު އެ ކައުންސިލްގެ އިދާރާއިން 2020 ވަނަ އަހަރު އެ އިދާރާގެ އަހަރޫ ރިޕޯޓާއި އަދި މާލީ ހިސާބުތައް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅާފައެއް ވެސް ނުވެއެވެ. މާލިއްޔަތު ގަވައިދާ ބުނާ ގޮތުގައި ކޮންމެ އަހަރެއް ނިމޭތާ ދެ މަސް ދުވަސްތެރޭގައި އަތޮޅު ކައުންސިލާއި ރަށު ކައުންސިލްގެ ރައީސަށް ކައުންސިލްގެ އާމްދަނީ އާއި ހަރަދުތަކާއި، މާލީ ޒިންމާތަކުގެ އަހަރީ ހިސާބު ހުށަހަޅަން ވާނެއެވެ. އަދި އަހަރު ނިމުމުގެ ތިން މަސް ތެރޭގައި މާލީ ހިސާބުތަކާއި އަހަރުތެރޭ ހިންގި ކަންތައްތައް ހިމަނައިގެން ރިޕޯޓެއް ހުށަހަލާން އެ ގަވައިދުައި ބުނާ އިރު، އެއިން އެއްވެސް ރިޕޯޓެއް އަދި ހިސާބެއް އެ ތަންތަނަށް ހިންމަފުށީ ކައުންސިލުން ހުށަހަޅާފައެއް ނުވެއެވެ.

މީގެ އިތުރުން އެ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި، އެ ކައުންސިލުން ކުއްޔަށް ދީފައިވާ ތަންތަނުގެ ރަޖިސްޓްރީ ބެލެހެއްޓިފައި ނުވުމާއި، އެކައުންޓް ޓްރާންސްފާ ގޮތުގައި އެ އިދާރާއިން ބަލައިގެންފައިވާ ފައިސާ ތަކުގެ ހިސާބުތައް ރެކޯޑްކޮށްފައި ނުވުން ހިމެނެއެވެ. އަދި އެކައުންޓްތަކުގެ ބާކީ ބެލެހެއްޓުމާއި ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް ތައްޔާރުކޮށްފައި ނުވުމާއި، ޕްރޮކިއުމަންތް އަދި ފައިނޭންސްގެ މަސައްކަތްތައް ވިޔަ މޮޑިއުލްގެ ބޭރުން ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.