ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް އުރީދޫ މަސްރޭސް 2024 މިއަދު އިއުލާނުކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްގެ 19ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ މަސްރޭސް އަންނަ މަހު ބާއްވަން ނިންމައި އުރީދޫން ބުނީ، މި މުބާރާތް ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރަތް ކަމަށެވެ. އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މަސްރޭސް ވަނީ ކ. ހިންމަފުށި، ޅ. ނައިފަރު އަދި ގދ. ތިނަދޫ ސިޓީގައި ކުރިއަށްގެން ދިއުމަށް ނިންމާފައި ކަމަށް އުރީދޫން ބުނެއެވެ.

ފެށުނީއްސުރެވެސް އުރީދޫ މަސްރޭސް އަކީ މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ. ކ. ހިންމަފުށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރީދޫ މޯލްޑިވްސް އިން ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެން އޯޝަން ރިސޯސަސް އާއި ގުޅިގެން އުރީދޫ މަސްރޭސް 2024 އިއުލާނުކޮށް އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ރަށްރަށުގައި މަސްރޭސް ފަށާނެ ތާރީހުތައް:

  • ހިންމަފުށި: 9 އޮގަސްޓް 2024
  • ތިނަދޫ ސިޓީ: 16 އޮގަސްޓް 2024
  • ނައިފަރު: 23 އޮގަސްޓް 2024

މި ފަހަރު މުބާރާތުގައި ޖުމްލަ 126،000 ރުފިޔާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ،

އޭގެ ތެރޭގައި ހިމެނެނީ:

  • އެއްވަނަ ޓީމް: 25،000 ރުފިޔާ
  • ދެ ވަނަ ޓީމް: 10،000 ރުފިޔާ
  • ތިން ވަނަ ޓީމް: 5000 ރުފިޔާ
  • އެންމެ މޮޅު މަސްވެރިޔާ: 1000 ރުފިޔާ
  • އެންމެ މޮޅު ފިޝާވުމަން: 1000 ރުފިޔާ
އުރީދޫ މަސްރޭސް 2024 އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އުރީދޫ މޯލްޑިވްސް
"އުރީދޫ މަސްރޭސް 2024 އިންތިޒާމް ކުރުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި ގުޅިގެން މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން ރާއްޖޭގައި ހިދުމަތް ފޯރުކޮށްދިނުމުގައި 19 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ތައްޔާރުވަމުން އަންނައިރު، އުރީދޫ މަސްރޭހުގެ ފޯރިއާއި އުފާވެރިކަމުގައި ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، ރާއްޖޭގެ ތިން ސަރަހައްދެއްގައި މިއަހަރުވެސް މަސް ރޭސް ބޭއްވިގެންދާނެ. މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން މަސްވެރިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެންނާއެކު ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމަށް ހުރިހާ ފަރާތްތަކަށްވެސް ދައުވަތު އަރުވަން."
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބް ވިދާޅުވީ، ދިވެހިންގެ މަސްވެރިކަމުގެ ތަރިކަ ފާހަގަކުރާ މުހިންމު ހަރަކާތެއް ކަމަށްވާ އުރީދޫ މަސްރޭސް 2024 ގެ ޕާޓްނަރަކަށް ވުމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެ މިނިސްޓްރީގެ އަމާޒަކީ، ދިވެހިންގެ އާދަކާދަތައް ދަމަހައްޓަން މުޖުތަމައުތައް ބާރުވެރިކުރުވައި، އަންނަން އޮތް ޖީލުތަކަށް ދިވެހި ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށް މުއްތަލިބް ވިދާޅުވިއެވެ. މަސްރޭހަކީ މުބާރާތެއްގެ އިތުރުން، މުޖުތަމައުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދައްކުވައިދޭ، މަސްވެރިކަމުގެ ސަގާފަތް ދައްކުވައިދޭ ހަރަކާތެއް ކަމުގައި މުއްތަލިބް ސިފަކުރެއްވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން 24ގެ ނިޔަލަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ޓީމް ރަޖިސްޓްރީ ކުރެވޭނެއެވެ. ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް މަދުވެގެން 8 އަދި ގިނަވެގެން 12 މެންބަރުން ތިބެން ވާނެ ކަމަށް އުރީދުން ބުނެއެވެ.

އުރީދޫ މަސްރޭސް 2024 ގައި ކޮންމެ ހިސާބަކުން ވެސް އެންމެ ގިނަވެގެން 16 ޓީމު ވާދަކުރާނެއެވެ. 16 ޓީމަށް ވުރެ ގިނައިން ރެޖިސްޓާވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ޑްރޯއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް އުރީޑުން ބުނެއެވެ. އަދި ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އުރީދޫ މަސްރޭސް 2024 ގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކާއި އާންމުން ބައިވެރިވެވޭނެ ކަމަށް އުރީދޫން ބުނެއެވެ.