ހިންމަފުށީގައި ގާއިމުކޮށްފައިވާ އައުޓްޑޯ ޖިމްގެ ބޭނުންކުރާ އާލާތްތައް އާ ކުރުމަށް ހިންގި މަޝްރޫއު ނިންމާލައިފިއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން އެމްޓީސީސީން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ހިންމަފުށީގެ އައުޓްޑޯ ޖިމްގައި ހުރި ބައު އާލާތްތައް ނަގައި، އައު އާލާތްތައް ހަރުކުރުމުގެ އަމަލީ މަސައްކަތްތައް އެއްކޮށް ނިންމާލާފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.
މިއީ އެ ރަށުގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބޭނުންވާ ކަސްރަތު ކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ޖިމްގައި ހުރި ގިނަ ދުވަސްވީ އާލާތްތަކުގެ ބަދަލުގައި ޒަމާނީ، އާ ވަސީލަތްތައް މިހާރު ވަނީ ގާއިމުކޮށްފައެވެ.
2026ގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމްތައް ގާއިމްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމަށް އެޗްޑީސީއާވެސް ހަވާލުކޮށްފައި ވެއެވެ.
