މާދަމާއިން ފެށިގެން 4 ރަށެއްގައި ގާއިމް ކޮށްފައިވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ސައިޓްތަކުން މަސްވެރިންނަށް އެސްޓީއޯ ރޭޓްގައި ތެޔޮ ފޯރުކޮށްދޭން ފަށާނެ ކަމަށް ރައީސުލްޖުމްހޫއިރއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެސްޓީއޯ ރޭޓްގައި ތެޔޮ ފޯރުކޮށްދޭ ފިއުލް ސްޓޭރޯޖް ގާއިމްކުރުމުގެ މަޝްރޫއަކީ މުއިއްޒުގެ ވައުދުފުޅެކެވެ. އަދި އެ ވައުދުފުޅު ފުއްދެވުމަށް ހުސްވި ނޮވެމްބަރު މަހު ވަނީ ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެސްޓީއޯ ރޭޓްގައި ތެޔޮ ފޯރުކޮށްދޭ ފިއުލް ސްޓޭރޯޖް ގާއިމްކުރުމުގެ މަޝްރޫއުވެސް އެމަނިކުފާނު އިފްތިތާހް ކޮށްދެއްވާފައެވެ.

އެގޮތުން މިއަދު ކ. ގާފަރު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މާދަމާއިން ފެށިގެން ހިންމަފުށި، ކޫއްޑު، ފެލިވަރު އަދި ހުޅުމީދޫގެ އެފްއެސްއެމް ސައިޓްތަކުން އެސްޓީއޯ ރޭޓްގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދޭން ފަށާނެކަން އިއުލާން ކުރައްވާފައެވެ.

"މާދަމާއިން ފެށިގެން އެސްޓީއޯގެ ނުވަތަ އެފްއެސްއެމްގެ މިދަންނަވާ ހަތަރު ސައިޓުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ. ހިންމަފުށި، ކޫއްޑު، ފެލިވަރު އަދި އައްޑޫ ސިޓީ ހުޅުމީދޫ ސައިޓުން ހެޔޮ އަގުގައި ތެޔޮ ލިބޭނެ"
ރައީސް

އަދި މީގެ އިތުރުން ކޫއްޑޫއާއި ފެލިވަރުގައި ހުރި މިފްކޯގެ ވެސަލް ތަކުންވެސް އެސްޓީއޯ ރޭޓްގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި ހަމައެހެންމެ މަސްވެރިންގެ ދަފްތަރެއް އެކުލަވާލެއްވުމަކީ ވެސް އެމަނިކުފާނުގެ ވައުދުފުޅެއްކަން ފާހަގަ ކުރައްވާ ރައީސް އިތުރަށް ވިދާޅުވީ، އެފަދަ ދަފްތަރެއް އެކުލަވާލާފައި ނެތުމަކީ މަސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެހެން ވަޒީފާތައް އަދާ ކުރާ މީހުންނަށް ލިބިދޭ ފުރުސަތުތައް މަސްވެރިންނަށް ނުލިބޭކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މި ހަފްތާގެ ބުރާސްފަތި ދުވަހު ދަފްތަރުގެ ގަވާއިދު ގެޒެޓް ކުރައްވާނެ ކަމަށެވެ.

އަދި އެއަށްފަހު ބޭންކް އޮފް މޯލްޑިވްސް އާއި އެމްއައިބީގެ އިތުރުން އެސްޓީއޯގެ އެކި ކަހަލަ ސްކީމް ތަކުން ފުރުސަތުތައް ލިބުމުގެ މަގު ފަހި ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.