ކ. ހިންމަފުށި ސިއްހީ މަރުކަޒާއި ތ. ކަނޑޫދޫ ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ.

ހިންމަފުށީ ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 5،767 އަކަފޫޓުގެ ސަރަހައްދެއްގައި ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތް ހަދާނެއެވެ.ޗމި މަޝްރޫއަކީ 11.4 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން ޖެހޭ މަޝްރޫއެކެވެ.

1310 މީހުންގެ އާބާދީއެއް އޮންނަ ހިންމަފުށީ ރައްޔިތުންނަށްޓަކައި މި ފެށިގެންދާ މަޝްރޫއުގެ މަސައްކަތް ފުރިހަމަވުމާއެކު، އެ ރަށުން ލިބިގެންދާ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، މުޅި ރަށުގެ އާބާދީއަށް ފައިދާ ލިބިގެންދާނެއެވެ.

މީގެ އިތުރުން، ކަނޑޫދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން 21 އެނދުގެ ހިދުމަތް ދެވޭނެ އިމާރާތަކާއި، އެކޮމޮޑޭޝަންގެ ދެ އިމާރާތެއް ހަދާނެއެވެ. މިއީ 22.66 މިލިއަން ރުފިޔާއަށް 390 ދުވަސްތެރޭ ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ސަބަބުން އެ ރަށުގެ ރައްޔިތުން ސިއްހީ ފަރުވާއަށް އެހެން ރަށްރަށަށް ދަތުރުކުރަން ޖެހޭ މިންވަރު މަދުވެ، އެކަމާގުޅިގެން ކުރަން ޖެހޭ މާލީ ހަރަދުތައްވެސް ކުޑަވެގެންދާނެއެވެ.

ވޭތުވެދިޔަ 45 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ.