ފާހިޝް އަމަލުތައް ޕްރޮމޯޓްކޮށް، އެފަދަ އަމަލުތަކުގައި ބައިވެރިވާ މީހުންގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން މި ޕާޓީއިން ގޮވާލައިފިއެވެ.

ފާހިޝް އަމަލުތައް ޕްރޮމޯޓްކޮށް، އެފަދަ ނުބައި އަމަލުތައް ދިވެހި މުޖްތަމައުގައި ފެތުރެމުންދާތީ އެމްއާރްއެމް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދިވެހި މުޖުތަމައުގައި އެކިއެކި ފާހިޝް އަމަލުތައް ޕްރޮމޯޓްކޮށް، އެއްވެސް ޖެހިލުމެއް ނެތި އެފަދަ ނުބައި އަމަލުތަކަށް ހިތްވަރުދޭ މެސެޖުތައް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކަން ފާހަގަކޮށް އެމްއާރްއެމްއިން ބުނީ އެފަދަ މައްސަލަތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ކަމާބެހޭ މުއައްސަސާތަކުން އަޅަންޖެހޭ ގާނޫނީފިޔަވަޅުތައް ނޭޅޭ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ދިގުލައި ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައެވެ.

ފާހިޝް އަމަލުތައް ޕްރޮމޯޓްކޮށް، އެފަދަ އަމަލުތަކުގައި ބައިވެރިވާ މީހުންގެ މައްސަލަ އެއްވެސް އިސްތިސްނާއެއް ނެތި، ހަމަހަމަ އުސޫލެއްގެ ދަށުން ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް އެމްއާރްއެމްއިން ވަނީ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައެވެ.

އެމްއާރްއެމްއިން އިތުރަށް ބުނީ މިފަދަ އަމަލުތަކަކީ ދިވެހި މުޖްތަމައުގެ އިޖްތިމާއީ ފޭރާން ވީދި، މުޅި މުޖްތަމައު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެންދާނެ ބިރުވެރި ކަންކަން ކަމަށާއި މިފަދަ އަމަލުތަކުގެ ސަބަބުން މާތް ވެގެންވާ އިސްލާމްދީނަށް އޮންނަ ލޯތްބާއި ގަދަރު ކުޑަވެގެންދާނެ ކަމަށެވެ. އެހެންކަމުން އެފަދަ އަމަލުތައް ހުއްޓުމަށްޓަކައި މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.