ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލައިގައި ނޯޓިސް އެމަނިކުފާނަށް ފޮނުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް އިއްޔެގެ ވަގުތެއްގައި ފޮނުވާފައިވާ ކަމަށެވެ.
މި ނޯޓިސް ފޮނުވާ ތާރީހުން ފެށިގެން 14 ދުވަސް ހަމަވުމުން މަޖިލީހުގެ ޖަލްސާއެއް އޮންނަ ފުރަތަމަ ރަސްމީ ބަންދު ނޫން ދުވަހުގެ ޖަލްސާއަށް އެ މައްސަލަ ތާވަލުކުރަން ޖެހެއެވެ. އެ މައްސަލައިގެ ނޯޓި ހަމަވާނެ ތާރީހަކީ މިމަހުގެ 25 ވަނަ ދުވަހެވެ.
ނަމަވެސް މަޖިލީހުގެ މި ހިނގާ ދައުރު މި މަހުގެ ނިޔަލަށް ނިމޭއިރު، މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން އަޟްހާ އީދުގެ ބަންދު ފަށާތީ، ނަޝީދު ވަކިކުރުމުގެ މައްސަލަ މި ދައުރު ނިމުމުގެ ކުރިން އެޖެންޑާ ކުރެވޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.
ނަޝީދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕީޖީން ފާސްކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 42 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާ އަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. 19 ވަނަ މަޖިލީހުގައި ތިއްބެވީ 87 މެންބަރުން ކަމަށް ވުމުން، ނަޝީދު ވަކިކުރުމަށް ބޭނުންވާނީ 44 މެންބަރުންގެ ވޯޓެވެ.
އެ މައްސަލާގައި އެމްޑީޕީ ނޫން މެންބަރުންވެސް ސޮއިކުރެއްވިއިރު އޭގެ ތެރޭގައި އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަދި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ހިމެނެއެވެ.
އެމްޑީޕީގައި ހިމެނޭ އިނގުރައިދާ ދާއިރާގެ މެންބަރު އަހުމަދު ހަސަން (ހަސަންޓޭ) އާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު އާއި ބިލަތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖުވެސް އެ މައްސަލާގައި ސޮއިކުރައްވާފައެއް ނުވެއެވެ.
ނަޝީދުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވެއްދި މިއީ މަޖިލީހުގެ މުޅި ތާރީހުގައި ވެސް، ރައީސެއްގެ އިތުބާރު ނެތް ކަމަށް އެންމެ ގިނަ އަދަދެއްގެ ސޮއި އެންމެ އަވަހަށް ހަމަކޮށް މަޖިލީހަށް ހުށަހެޅި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.