ހުސްވި މެއި މަހުގެ 1 ވަނަ ދުވަހު 5 މައިން ފުރީ، އެމޭޒަން ޖަންގަލީގެ ސަރަހައްދެއް ކަމަށް ވާ އަރާރުކުއަރާ އިން ސެން ޖޯސް ޑެލް ގުއިވިއާރޭ އަށް ދާށެވެ. ސެސްނާ 206 މަރުކާގެ ކުޑަ މަތިންދާ ބޯޓެއްގައި އެ 5 މައިންނާއެކު ދެން ތިބީ ދުއްވަން އިން ޕައިލެޓާއި އިތުރު ފިރިހެނެކެވެ.

ދަތުރު ކުރި ކުދިންގެ އުމުރަކީ، 13، 9، 4 އަދި 11 މަހެވެ.

ބޯޓު ނައްޓާލައިގެން އެމޭޒަން ޖަންގަލި މަތިން ދަނިކޮށް އިންޖީން ފެއިލްވެ، މޭޑޭ އެލާޓް އެޅުމާއެކު ބޯޓު ވެއްޓުނީއެވެ. އާންމުވެފައި ވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ބޯޓު އޮތީ ނޯސް ޑައިވް [ބޯކޮޅު ވަތަށް] ވެއްޓި ޖެހުނު ގޮތަށް ފިޔަގަނޑުން ފެށިގެން ކުރި އެއްކޮށް ފުނޑުފުނޑުވެފައެވެ.

މިހާދިސާގައި ބޯޓުން ދަތުރު ކުރި 4 ކުދިން ސަލާމަތް ވި އިރު، އެކުދިން ދިޔައީ ފުރާނައާ ހަނގުރާމަ ކުރަމުންނެވެ. 200-300 ފޫޓަށް ހެދިފައި ހުރި ބޮޑެތި ބިޔަ ގަސްތަކުގެ ތެރޭގައި ދެވޭ ނުދެވޭ ތަނެއް ނޭނގި، އެންމެ ކުޑަ ކޮއްކޮ އުރައިގެން ދޮއްޓަށް ތިބި 3 ބެއިން ހިނގަންފެށިއެވެ.

ޖަންގައްޔަކީ، ރޮލާ ހަފާ ކާ ވަލުޖަނަވާރުވެސް އުޅޭ ޖަންގައްޔަކަށް ވާއިރު، އެކުދިން ދިރި ތިބެދާނެ ކަމުގެ އުއްމީދު އެކުދިން ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ މީހުން އެތައް ފަހަރަކު ދޫކޮށްލިއެވެ. 100 އެތައް ސިފައިންނަކާއި، ވަސް ބެލުމަށް ހާއްސަ ކުއްތާގެ އެހީގައި ޖަންގަލީގައި އަތްފުނާ އަޅަމުން ދަނިކޮށް އުއްމީދު އާވީ، އެކުދިންގެ ތެރެއިން އެންމެ ތުއްތު ކުއްޖާގެ ބުއްފުޅި ކަމަށް ލަފާކުރެވޭ ބުއްފުޅިއެއް ފެނުމުންނެވެ. އެއާއެކު ސާޗް އޮޕަރޭޝަން ފުޅާ ކޮށް ކުރިއަށް ދިޔަ ވަރަކުން ދަތް އަޅާ ކައިފައި ހުރި މޭވާ އާއި، އެކުދިން ހިނގާފައި ހުރި ފިޔަވަޅުތަކުގެ ނިޝާން އޮފިޝަލުންނަށް ފެނުނެވެ.

އޭރު އިތުރު ހެލިކޮޕްޓަރު ބޭނުން ކޮށްގެން، އަޑުގަދަ ކުރާ އިން މެސެޖެއް އިއްވަމުން ގެންދިޔައެވެ. އެއީ ޖަންގަލީގެ ތެރޭގައި އެކުދިން ތިބިނަމަ އަޑުއިވޭވަރަށް ބާރަށް ގޮވަމުން ދިޔަ މެސެޖެކެވެ. އެ މެސެޖްގައި ގޮވަމުން ދިޔައީ، އެކުދިން ތިބި ތަނެއްގައި މަޑުން ތިބުމަށާއި، އެކުދިން ސަމާލަތް ކުރާ މީހުން އެބަ އަންނަ ކަމަށެވެ.

ބަރާބަރު 40 ދުވަސް ފަހުން، އެކުދިން ސަލާމަތް ކޮށް އެކުދިންގެ ބައްޕައާ ހަމައަށް ގެންދެވުމުން އެކުދިންގެ ބައްޕަ ބުނީ، ފުރާނަ ނެތް މަސްގަނޑަށް ދިރުން އައިސްފި ކަމަށެވެ. އުފަލުގެ ކޮޅެއް ނެތް ކަމަށެވެ.

އެއާއެކު ނޫސްވެރިންވެސް އެތަނަށް ގޮސް ކަން ހިނގި ގޮތް ސާފު ކުރަމުން ދިޔަ އިރު އެކުދިންގެ ބައްޕަ ބުނީ، އެންމެ ދޮއްޓަށް ހުރި ދަރިފުޅާ ހަވާލާދީ، މަންމަ މަރުވާން ދޫކޮށްލަައިފައި ދަރިފުޅުމެން ސަލާމަތް ވުމަށް ދިޔުމަށް ކަމަށް ބުންޏެވެ.

އެންމެ ދޮށީ އަންހެން ކުއްޖެކެވެ. އެ ހުރިހާ ދުވަހު [40 ދުވަހު] އެ ޖަންގަލީގެ ތެރޭގައި އެންމެ ތުއްތު ކޮއްކޮ އުރައިގެން އުޅުނީ އޭނާއެވެ. އޭނާގެ ހަގަށް ހުރި ކޮއްކޮ އެހީވަމުން ދިޔައީ އުމުރުން 4 އަހަރުގެ ކޮއްކޮއަށެވެ.

"އަޖައިބެއް ފަދަ ސަލާމަތްވުން" ގޮތަށް ސިފަ ކުރާ އެ ހާދިސާ އާ ގުޅިގެން އެ ކުދިންގެ މަންމަ އާއި އިތުރު ދެމީހުންގެ ފުރާނަ ނެތް މަސްގަނޑު ފެނުނީ ބޯޓު ވެއްޓިފައި އޮތް ސަރަހައްދުން ކަމަށެވެ.