ގުދުރަތީ ދިރުންތަކުގެ އެންމެ މުއްސަނދި ވެށީގެ ގޮތުގައި ސިފަކުރަމުން އަންނަ ބްރެޒިލްގެ އެމޭޒަން ޖަންގަލީގައި އަނެއްކާވެސް ކަންބޮޑުވާ ދަރަޖައަށް ރޯވަމުން އަންނަ ކަމަށް ޚަބަރު ލިބިއްޖެއެވެ.

މި ހިނގާ އޯގަސްޓް މަހަށް ފެށުނު ފަހުން ކަންބޮޑުވާ ދަރަޖައަށް މިކަން ހިނގާ ކަމަށާ، މި ފަހަރު މިކަން ހިނގަނީ 2019 ވަނަ އަހަރަށް ވުރެވެސް ކަންބޮޑުވާން ޖެހޭ ދަރަޖައަކަށް ކަމަށް ބުނެވެއެވެ.

އޯގަސްޓް މަހުގެ ފުރަތަމަ 6 ދުވަހަށް ބަލާއިރު، އެމޭޒަން ޖަންގަލީގެ 5860 ސަރަހައްދެއް ރޯވެ އަނދަމުންދާ ކަމަށް ބްރެސިލް ސްޕޭސް ރިސާޗް އޭޖެންސީ (އައިއެންޕީއީ) އިންވަނީ ރިޕޯޓްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 7 ޕަސެންޓް އިތުރު މިންވަރެކެވެ. މިއީ ފާއިތުވީ 9 އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް ފެނުނު ރެކޯޑް އަދަދެކެވެ.

ދުނިޔޭގައި މިވަގުތު އޮތް އެންމެ ބިޔަ އަދި ގުދުރަތީ ދިރުންތަކުގެ މުއްސަނދިކަން އިންތިހާއަށް ލިބިފައިވާ ބްރޭޒިލްގެ އެމޭޒަން ޖަންގަލީގައި އަލިފާން ރޯވެފައި/ފައިލް ފޮޓޯ: ބްރޫނޯ ކެލީ

ބްރެޒިލްގެ ޖަންގަލީގައި ރޯވެ އަނދަމުންދަނީ، ބިން ސާފު ކުރުމުގެ ބޭނުމަށް މީހުން ގަސްތުގައި ރޯކުރުމުންނެވެ. އެގޮތުން މިދިޔަ އަހަރު ރޯކުރި އަލިފާންގަނޑުތަކުން ސާފުކުރި ބިންތަކުގައި މިހާރު ހިންގަނީ ނާމްސޫފު ގެންގުޅޭ ދަނޑުބިންތަކެއް ކަމަށް ޚަބަރު ލިބެއެވެ.

ބްރެޒިލް ސްޕޭސް އޭޖެންސީގެ ރެކޯޑްތަކަށް ބަލާއިރު ޖުލައި މަހުގެ ކުރިއަށް ފާއިތުވީ 12 ވަރަކަށް މަސް ދުވަހުގެ ތެރޭގައި އެމޭޒަން ޖަންގަލިން 9205 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ އަންދާލާފައެވެ. އެއީ އޭގެ ކުރީ 12 މަސް ދުވަހާ އަޅާ ބަލާއިރު 32 ޕަސެންޓް އިތުރު އަދަދެކެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ވަކާލާތު ކުރާ ބްރެޒިލްގެ ކްލައިމެޓް އޮބްޒަވޭޓަރީއިން ބުނާ ގޮތުގައި މިކަން ހިނގަނީ، މިފަދަ އަމަލުތައް ހުއްޓުވުމަށް ސަރުކާރު ނުކުޅެދިގެންނެއް ނޫނެވެ. ނަމަވެސް، ގެއްލުންދެނިވި އުސޫލުތައް ޕްރޮމޯޓް ކުރުމަށް ޖެއިރް ބޮލްސޮނާރޯގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ކަމަށެވެ.

ބްރެޒިލްގެ ރައީސް ކަމުގެ މަގާމަށް ބޮލްސޮނާރޯ ވަޑައިގެންނެވީ ވެސް އެކި ބޭނުންތަކަށް އެމޭޒަން ޖަންގަލި ތަރައްގީ ކުރައްވާނެ ކަމުގެ ވައުދާވެސް އެކުގައެވެ.