އެމޭޒަން ޖަންގަލީގެ ސަރަހައްދަކުން ކޮލަމްބިއާގެ ސޭން ޖޯސް ޑެލް ގުއަވިއާރޭ އަށް ދަތުރު ކުރަނިކޮށް ޖަންގަލީގެ ތެރެއަށް ވެއްޓުނު ބޯޓުން ދަތުރު ކުރި މީހުންގެ ތެރެއިން 4 ކުޑަކުދިން ދިރިތިއްބާ ފެނުނު ވާހަކަ އާ ކޮށް އާ ފޮޓޯތަކެއް އާންމު ކޮށްފިއެވެ.

މިދިޔަ މޭއި މަހުގެ 18 ވަނަ ދުވަހު ރިޕޯޓް ކުރި މި ހަބަރު މިއަދު އާ ކޮށް ބައިނަލްއަގުވާނީ މީޑިއާތަކުން ބުނީ، ފެނުނީ 13 އަހަރާއި 9 އަހަރާއި 4 އަހަރާއި އަދި 12 މަހުގެ ތުއްތު ކުއްޖެއް ކަމަށެވެ. މި ހަބަރު މިދިޔަ މަހުގެ 18 ވަނަ ދުވަހު އާންމު ކުރި އިރު ބުނީ އެއީ 13، 9، 4 އަދި 11 މަހުގެ ތުއްތު ކުއްޖެއް ކަމަށެވެ.

ކޮލަމްބިއާގެ އިދާރާތަކުން އޭރު ބުނެފައި ވަނީ، މެއި 1 ވަނަ ދުވަހު ހިނގި އެ ހާދިސާގައި ދިރި ތިބި ބަޔަކު ހޯދުމަށް 100 އަށް ވުރެ ގިނަ ސިފައިންނާއި ވަސް ބެލުމަށް ހާއްސަ ކުއްތާ އާއި 3 ހެލިކޮޕްޓަރު ބޭނުން ކުރި ކަމަށެވެ.

އުސް ދިގު ގަސްތަކާއި ބޯ ޖަންގަލީގައި ސާޗް އޮޕަރޭޝަން ހިންގަމުން ދިޔަ އިރު، ދިރިހުރި މީހަކު ފެނިދާނެ ކަމުގެ އުއްމީދު އޮފިޝަލުން އެތައް ފަހަރަކު ކަނޑާލިއެވެ. ނަމަވެސް ބޯޓު ވެއްޓުނު ސަރަހައްދާ ތަންކޮޅެއް ދުރުން ކުޑަކުއްޖެއްގެ ބުއްފުޅިއެއް ފެނުމާއެކު އިތުރު ހިއްވަރެއްލައި މަސައްކަތް ފުޅާ ކުރިއެވެ. އެއާއެކު އެކުދިން ނިސްބަތްވާ ހުއިޓޯޓޯގެ ބަހުން އަޑުހަރުކޮށް އެނައުންސްމަންޓެއް އިއްވަމުން ދިޔައެވެ. އެއްވެސް ކުއްޖަކު ތަންތަން ނުދިއުމަށާއި ތިބި ތަނެއްގައި ތިބުމަށް އެނައުންސް ކުރަމުން ދިޔައެވެ. ބޭނުމަކަށް ވީ، އެ އަޑު އެކުދިންނަށް އިވި ރެސްކިއު މަސައްކަތުގައި އުޅޭ މީހުން އަންނަކަން އަންގައި ދިނުމެވެ.

131 ފޫޓަށް ހެދިފައި ހުރި ބިޔަ ގަސްތަކާއި ވަލު ޖަނަވާރު އުޅޭ ޖަންގަލީގެ ތެރޭގައި އެކުދިން ސަލާމަތުން ތިއްބާ ފެނުމުން އެންމެނަށް ހައިރާންކަން ލިބުނެވެ.

17 ދުވަހުގެ މަސައްކަތުން އެ ކުދިން ފެނުނު އިރު ހާލު ރަނގަޅު ކަމަށާއި އިތުރު ފަރުވާއަށް ސިއްހީ އެހީތެރިންނާ ހަމައަށް މިހާރު ވަނީ ގެންގޮސްފައެވެ.