މެއިން ސްޓްރީމް މީޑިއާތަކަށް ވުރެ ބޮޑަށް ސޯޝަލް މީޑިއާ އާ މިހާރު ވަނީ އަހަރެމެންގެ ދިރިއުޅުމާ ގުޅި ލާމެހިފައެވެ. ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން ހަރު މީހުންގެ މެދުގައި ވެސް ސޯޝަލް މީޑިއާއަކީ މިހާރު މަގުބޫލު އެއްޗެކެވެ.
ފޭސްބުކް އާއި ޓުވިޓާ އަދި މިނޫން ވެސް ނަން ހުސްކޮށް އެކި ކަންކަމަށް ހާއްސަކޮށް ސޯޝަލް މީޑިއާގެ ސައިޓުތައް ތައާރަފު ވެފައި ވާއިރު މިއިން ކޮންމެ އެޕްލިކޭޝަނެއްގައި އެކައުންޓެއް ނުހުޅުވާ މީހަކު މިއަދު މަދުވާނެއެވެ.
ދުނިޔޭގެ އާބާދީގެ ތެރެއިން އާންމު ގޮތެއްގައި ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންގެ އަދަދު 3 ބިލިއަނަށް އަރައެވެ. މިއީ ދުނިޔޭގެ ޖުމްލަ އާބާދީގެ 40 ޕަސެންޓް މީހުންނެވެ. ރިޕޯޓްތައް ބުނާގޮތުން މިއިން ކޮންމެ މީހަކު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ދެ ގަޑިއިރު ސޯޝަލް މީޑިއާ އަޕްޑޭޓް ކުރުމާއި، އެހެން ޕޯސްޓްތައް ބެލުމުގައި ހޭދަކުރެއެވެ. އެންމެ މިނެޓަކަށް ބަލާލާއިރު ބައި މިލިއަނަށް ވުރެ ގިނަ ޓްވީޓާއި، ސްނެޕް ޗެޓް ފޮޓޯ އަޕްލޯޑް ކުރެވެއެވެ.
މީގެ އަހަރުތަކެއް ކުރިއަށް ނަޒަރު ހިންގާލުމުން ފެނިގެން ދަނީ ގޭގޭގެ ސިޓިންރޫމު ތަކުގައި ބަހައްޓާފައި ހުންނަ ނިއުސް ޕޭޕަރުތަކާއި ރޭޑިއޯތަކެވެ. މިހާރުވެސް ކޮންމެވެސް ވަރަކަށް ރޭޑިއޯ އަޑުއަހާ މީހުން އުޅުނު ނަމަވެސް ގޭގޭގައި ގިނަ ބަޔަކު ބަލަނީ ޓީވީއެވެ. ހަބަރު އަންނަ ވަގުތު ޖެހުމުން ބައެއް ގޭގައި ގަވައިދުން ޓީވީ ހުޅުވި ނަމަވެސް ބޮޑު އަދަދެއްގެ ޕަސެންޓޭޖަކީ ހަބަރަށްވެސް، އެހެން ކަންކަމަށްވެސް އިންޓަނެޓްގެ ވަސީލަތްތައް ބޭނުން ކުރާ މީހުންނެވެ.
މިހާ ހިސާބުން އުފެދޭ ސުވާލަކީ ކުޑަކުދީންނާއި، ޒުވާން ފުރާގެ މީހުންގެ އިތުރުން ބޮޑެތި މީހުން ދިރިއުޅުމުގެ އެކި އެކި ކަންކަން ނިންމުމުގައި ސޯޝަލް މީޑިޔާގެ ނުފޫޒު އެހާ ގަދަ ވީ ކީއްވެތޯއެވެ.
ފަހުގެ ހަބަރުތައް ވަގުތުން ވަގުތައް ލިބުން
ބަވަނަވަމުން މިދާ ދުނިޔޭގައި ކުރިއަރާފައިވާ ޓެކްނޮލޮޖީއާއެކު މަދު ސިކުންތު ކޮޅެއް ތެރޭ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންކަން ސޯޝަލް މީޑިޔާގެ އެކި އެކި ޕްލެޓްފޯމް ތަކުން ވަގުތުން ބަލާލެވެއެވެ. އެއީ ތެދަސް އަދި ދޮގަސް ފެންނަން ހުރެއެވެ. ކުރަން ހުރި ހުރިހާ ކަމެއް ހުއްޓާލާފައި ގޮސް ޓީވީ ކައިރި އިންނާކަށް ނުޖެހެއެވެ. އެހެންކަމުން މީހުން ބޮޑަށް ގަޔާވަނީ ސޯޝަލް މީޑިއާ އަށެވެ.
ދުނިޔޭގެ އެންމެ ބޮޑު ޖަންގަލި ކަމުގައިވާ "އެމެޒޯން ފޮރެސްޓް ފަޔާ" ގެ ހަބަރު 2019 ވަނަ އަހަރު މަދު ސިކުންތު ކޮޅެއްތެރޭގައި މީހުންގެ ސަމާލުކަމަށް އައުމުން ސޯޝަލް މީޑިއާގައި މައުލޫމާތުގެ ދުވެލި ހަލުވި މިންވަރު ދެނެގަނެވެއެވެ. އެތައް ބަޔަކު ޓްވިޓާއާއި ފޭސްބުކް ގައި އެވާހަކަތައް ލިޔެ އެކަމަށް ހޭލުންތެރިވުމަށް ގޮވާލާފައިވާ އިރު މެއިން ސްޓްރީމް މީޑިއާ ތަކުގެ ޒަރީއާއިން މިކަމަށް ހޭލުންތެރިވި މީހުންގެ އަދަދު ނިސްބަތުން މަދެވެ.
އެތައް ބައެއްގެ ތަޖުރިބާތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކޮށްފައިވުން
ދިރިއުޅުމުގެ އެކިއެކި ކަންކަން ނިންމުމުގައި އަބަދުވެސް އެހެން މީހުންގެ ލަފަޔާއި އިރުޝާދުގެ އިތުރުން ތަޖުރިބާ އަކީ މުހިންމު ދައުރެއް އަދާ ކުރާ އެއްޗެކެވެ. ސޯޝަލް މީޑިއާއަކީ މިކަމަށް ހުޅުވާލެވިފައިވާ ވަރަށް ބޮޑު ދޮރެކެވެ. އަބަދުވެސް މީހުން އެމީހުންގެ އެކި ކަހަލަ ތަޖުރިބާތައް ސޯޝަލް މީޑިޔާގައި ދަނީ ހިއްސާ ކުރަމުންނެވެ. މިކަންކަމުން މީހުންގެ ދިރިއުޅުމަށް އަސަރު ކުރެއެވެ.
މިސާލަކަށް ތަކެތި ގަތުމުގައިވެސް ސޯޝަލް މީޑިއާގައި އެތަކެތި ކުރިން ގަނެފަ ތިބި މީހުން ބުނެފައި ވަނީ (ރިވިއު) ކީކޭތޯ ބަލާ މީހުން މަދެއް ނުވާނެއެވެ. އަދި އެ އެއްޗަކީ ރަނގަޅު އެއްޗެއް ކަމަށް ގިނަ ބަޔަކު ބުނެފައިވާނަމަ އެއީ އެ މުދަލެއް ގަތުމަށް ތިމާ ބޭނުންވެ އެގޮތައް ގޮތް ނިންމަން މެދުވެރިވާ ސަބަބެކެވެ. މީގެ އިތުރުން މަޝްހޫރު މީހުން ވަކި ވައްތަރެއްގެ ހެދުމެއް ލުމަށްފަހު ނަގާފައިވާ ފޮޓޯއެއް އޭނާގެ އިންސްޓަގްރާމްގައި އަޕްލޯޑު ކޮށްފިނަމަ އޭނާގެ "ފޭންސް" ނުވަތަ ތާއީދު ކުރާ މީހުންވެސް ހަމަ އެ ވައްތަރުގެ ހެދުން ހޯދައެވެ. މިއީ މުޅިންހެން ސޯޝަލް މީޑިއާގެ ނުފޫޒެވެ.
ދަތުރެއް ދިއުމަށް ނިންމުމަށްފަހު ވެސް ބަލާލެވެނީ އެންމެ ގިނަ ބަޔަކަށް ކަމުގޮސްފައިވާ ރިސޯޓަކީ ކޮބައިތޯއެވެ. ނުވަތަ ގައުމަކީ ކޮބައިތޯއެވެ. އަދި އެމީހުން އެތަންތަނާމެދު ފާޅުކޮށްފައިވާ ޝުއޫރުތަކަކީ ކޮބައި ތޯއެވެ. ކާންދާނެ ރެސްޓޯރަންޓެއް ކަނޑައަޅަންވެސް ފޭސްބުކާއި އެނޫންވެސް ސޯޝަލް މީޑިއާ ޕްލެތްފޯމްތަކުގައި މީހުން އެތަނަކަށް ދީފައިވާ 'ރޭޓިން' އަށް ބަލައެވެ.
ތެދު ދޮގަށް، ދޮގު ތެދަށް ހަދަންވެސް ސޯޝަލް މީޑިއާ
މެއިން ސްޓްރީމް މީޑިއާތަކުގެ މައްޗަށް ސޯޝަލް މީޑިއާ ކުރި ހޯދަމުން އަންނަ އެއް ސަބަބަކީ، އެމީހަކު ހިތުހުރި ގޮތަކަށް ހަބަރުތަކާއި މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ހަދަހަދައިގެން ހިއްސާކުރެވުމާއި، އެމީހަކު ގަޔާވާ ޒާތުގެ ކޮންޓެންޓް (މައުލޫމާތު) އެމީހާއަށް ވެސް ނޭނގި އެމީހާގެ ގެޖެޓަށް (ފޯނަށް) އެލާޓްގެ ގޮތުގައި ލިބުމެވެ.
މީހަކު ނުވަތަ ބަޔަކު ހިތް ނޭދޭ ކަމެއްގައި ނުވަތަ ހިތް އެދޭ ގޮތް ނޫން ގޮތަކަށް ހަބަރެއް ފެތުރުމަށް ސޯޝަލް މީޑިއާ ބޭނުން ކުރާ އިރު، ހިތް ނޭދޭ އެމީހާގެ އަބުރު ކަތިލަންވެސް ބޭނުން ކުރާ ސޯޝަލް މީޑިއާގެ ބޭނުން ނަހަމަގޮތުގައި ހިފާ މީހުން ބައިވަރެވެ. ގައުމުތަކުގެ އިސްތިގުލާލާއި، ސިޔާސީ ކަންކަމަށް ނުފޫޒު ފޮރުވައި، އެތަނެއްގެ ރައިއްޔަތުންގެ މެދުގައި ނުތަނަވަސްކަމާއި ނަފްރަތު އުފައްދަން ބޭނުން ކުރާ ހަތިޔާރެއްގެ ގޮތުގައިވެސް ސޯޝަލް މީޑިއާ ބޭނުން ކުރެއެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮލަންޑް ޓްރަމްޕް ދެވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަތުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް މައުލޫމާތުތައް ނުވަތަ މެސެޖްތައް ދެމުން ގެންދިޔަ އިރު ޓްރަމްޕާ ދެކޮޅަށް ފާޅު ކުރަމުން ދިޔަ ޝުއޫރުތަކާއި ހިޔާލުތަކަކީ މީގެ ސާފު މިސާލެކެވެ. މިކަމާ ގުޅޭ ތަހުގީގެއްވެސް ފުޅާދާއިރާއެއްގައި ހިންގާފައި ވާ އިރު، ގިނަ އަދަދެއްގެ ޑޭޓާ ރައްކާކުރާ އެނަލަޓިކާއަށް ފައިސާ ދީގެން އެންމެންގެ ޑޭޓާބޭސް ހޯދާ، ދޭން ބޭނުންވާ މެސެޖާއި ދައްކަން ބޭނުންވާ ފޮޓޯ ދައްކަމުން ގެންދިޔައެވެ. ބައެއް ފަހަރު އިދިކޮޅު ކެންޑިޑޭޓު ކަމު ނުދާނެ ކަމަށާއި، އަދި އޭނާ ނިދާފައި އިންނަ ތަންތަން ވެސް ފޮނުވައެވެ.
ހަމައެގޮތަށް ދީނީ ތަފާތު މައްސަލަތަކުގައި ނަފްރަތު އުފައްދާ އެއްބަޔަކު އަނެއް ބަޔަކާ ތަޅާ ފޮޅާ ލޭ އޮހޮރުވުމަށް ހިތްވަރު ލިބޭގޮތަށް ރާވައިގެން ވެސް ސޯޝަލް މީޑިއާތަކުގައި ކެމްޕެއިން ހިންގައެވެ.
ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގައި އަދި ކޮންމެ ކަމެއްގައި ސޯޝަލް މީޑިއާގެ ދައުރު ބޮޑު އިރު އެ ވަސީލަތް ހެޔޮގޮތުގައި ނުހިފައި ނާޒާއިޒް ބޭނުންތައް ކުރާ މީހުންގެ ޝިކާރައަކަށް ވެގެން ދަނީ، މައިން ސްޓްރީމް މީޑިއާތަކުން ޒިންމާދާރު ކަމާއެކު ފަތުރާ ހަބަރުތައް ކިޔާ ވީޑިއޯ އަދި ފޮޓޯ ބަލާ ހަދާ މީހުންނެވެ. އެމީހުންނަށް ދޮގާއި ތެދު، އަދި ތެދާއި ދޮގު އޮޅޭވަރަށް ސޯޝަލް މީޑިއާ ގައި އެއްވާހަކައެއް އެތައް އެކައުންޓަކުން ފަތުރަމުން ދިޔުމުން "ވާނުވާ" ނޭނގި ނުވަތަ ކޮންފިއުސް ވެ އެގޮތް އެއީ ގޮތް ކަމުގައި ގަބޫލު ކުރެވެއެވެ. ތެދު ދޮގު ބެލުމެއް ނެތި ގޮތް ނިންމުމުގެ ސަބަބުން ދެން ނުކުންނަ ނަތީޖާ އަކީ އެކަމުން ލިބުނު ހިތި ނަތީޖާކަން އިހުސާސް ވަނީ ވަގުތު ފާއިތުވާފަހުންނެވެ.