ރަޝިއާގެ ހަމަލާތަކުގެ މުގާބިލުގައި ފެށި ރައްދު ހަމަލާތަކުގައި ޑޮނެސްކް ސަރަހައްދުގެ 3 ވިލެޖެއް އަނބުރާ އަތުލައިފި ކަމަށް ޔޫކްރައިނުން ބުނެފިއެވެ.

ޑޮނެސްކް އަކީ ޔޫކްރައިން ހަނގުރާމަައިގައި ރަޝިއާއިން ހިފި ޝަހަރެކެވެ.

ޠުކްރައިން އިން އެ ވިލެޖްތައް ހިފުމަށް ފަހު އުފާފާޅުކުރާ މަންޒަރުތައް ފެންނަ ވީޑިއޯތައްވެސް ވަނީ ޔޫކްރައިންގެ ޗެނަލްތަކުގައި އާންމު ކޮށްފައެވެ. އެ ސަރަހައްދުތަކުގައި ޔޫކްރައިންގެ ދިދަ ނަގާ އުފާ ފާޅުކުރަމުން ބުނެފައި ވަނީ އެއީ ރައްދު ހަމަލާތައް ފެށުނު ފަހުން ލިބުނު ފުރަތަމަ މޮޅު ކަމަށެވެ.

ޔޫކްރައިންގެ އިދާރާތަކުން ބުނާ ގޮތުން ދެކުނު ބިތުން ޔޫކްރައިން ސިފައިން ބާރަށް ކުރިއަރައިގެން ދެއެވެ.

ޔޫކްރައިންގެ މި ކާމިޔާބީ އާ ގުޅިގެން ރަޝިއާއިން އަދި އެއްޗެއް ބުނެފައި ނުވާ އިރު، ޔޫކްރައިން އިން ބުނީ، ރަޝިއާއިން އަނެއްކާ އިތުރު ޑޭމެއް ގޮއްވާލައިފި ކަމަށާއި މިފަހަރު ހަލާކު ކޮށްލީ ޒެޕްރޯޒިއާ ސަރަހައްދުގެ ޑޭމެއް ކަމަށެވެ. މީގެ ކުރިން ގޮއްވާލީ ކަކޮވްގާ ޑޭމް ގޮއްވާލުމުން 29 ވިލެޖެއްގައި ފެންބޮޑުވެ 4000 މީހުން ރައްކާތެރި ހިސާބުތަކަށް ވަނީ ގެންދަން ޖެހިފައެވެ. ޔޫކްރައިން އިން ބުނެފައި ވަނީ އެ ޑޭމްވެސް ގޮއްވާލީ ރަޝިއާއިން ކަމަށާއި އެ ޑޭމަކީ 2022 އިން ފެށިގެން ރަޝިއާގެ ކޮންޓްރޯލްގައި އޮތް ތަނެއް ކަމަށެވެ.

ގޮއްވާލި ދެވަނަ ޑޭމަކީ، ނޮވޮޑަރިކްވާ އާ ގުޅޭ މޮކްލީ ޔަލީ ރިވާގެ ޑޭމްއެވެ. މި ޑޭމް ގޮއްވަލީ ޔޫކްރައިންގެ ފައުޖުތައް ކުރިއަރައިގެން ދިޔުން މަޑުޖެއްސުވުމަށް ކަމަށް ޔޫކްރައިން އިން ވަނީ ބުނެފައެވެ.

ޔޫކްރައިން އިން ހިފި ވިލެޖްތަކަކީ، ހަނގުރާމައިގެ ކުރީކޮޅު ރަޝިއާއިން ހިފި މަރިއަޕޯލް އަ ގުޅޭ ވިލެޖްތަކެވެ. ހަބަރުތައް ބުނާގޮތުން، މި ކާމިޔާބީއާއެކު ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޔޫކްރައިން އިން މަރިއަޕޯލް ހިފާނެއެވެ.

އެހެން ބައެއް ހަބަރުތައް ބުނާގޮތުން، ޔޫކްރައިން ފައުޖުތަކުން މިހާރު މަސައްކަތް ކުރަނީ ޑޮނެސްކް އާއި ކްރިމިއާ ގުޅޭ ބްރިޖް ގޮއްވާލުމަށެވެ. އޭގެ ބޭނުމަކީ، ކްރިމިއާގައި ތިބި ރަޝިއާ ސިފައިން އެކަހެރި ކޮށްލާ، ޑޮނެސްކް ތެރެއަށް ވަދެގަތުން ހުއްޓުވުމެވެ.

ހަނގުރާމަ ފެށުނު ފަހުން އެންމެ ގެއްލުންބޮޑު ހަމަލާތަކެއް ބަދަލު ކުރި ބަކްމޫތް ސަރަހައްދުންވެސް ޔޫކްރައިން ސިފައިން ކުރިއަރަމުން ދާ ކަމަށް ހަބަރުތައް ބުނެއެވެ.