ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނުހިމަނައި، މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާ އެޖެންޑާ ކޮށްފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އީވާގެ އިތުބާރު ނެތް ކަމަށް 50 މެންބަރަކު ސޮއިކޮށް މިދިޔަ މަހުގެ 23 ގައި ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅާފައި ވަނީ އޭނާ އެމްޑީޕީން ވަކިވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންނާ އެކު "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ވަކި ޕާޓީ އެއް އުފައްދަވަން ފެއްޓެވުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައިވާ ގޮތުން:

  • މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމަށްޓަކައި ސަބަބު ބަޔާންކޮށް ގަރާރެއް ހުށަހެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުން، ނުވަތަ އެއަށް ވުރެ ވެސް ގިނަ މެންބަރުންގެ ސޮޔާ އެކު
  • އެ ގަރާރު ލިބުމުން، ރަސްމީ ބަންދުނޫން ތިން ދުވަހުގެ ތެރޭގައި މަޖިލީހުގެ އަމީން އާންމު ގަރާރުގެ ނޯޓިސް މަޖިލީހުގެ ރައީސަށާއި މެންބަރުންނަށް ދިނުމަށް ފަހު، 14 ދުވަހުގެ މުއްދަތުގެ ތެރޭގައި އެންމެ އަވަހަށް އަންނަ ރަސްމީ ބަންދުނޫން ދުވަހު ބާއްވާ ޖަލްސާ އަށް އެ ގަރާރު ހުށަހަޅަން ވާނެ

އެ ނޯޓިހުގެ މުއްދަތު ހަމަވެ، މާދަމާގެ ޖަލްސާ އަށް އީވާގެ މައްސަލަ އެޖެންޑާކުރަން ޖެހުނު ނަމަވެސް، އެޖެންޑާކޮށްފައި ވަނީ އެ މައްސަލަ ނުހިމަނައެވެ. އެހެންވެ، އެ މައްސަލަ މާދަމާގެ ޖަލްސާގައި އެޖެންޑާކޮށްދިނުމަށް އެދި، އެމްޑީޕީގެ މަޖިލިސް ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ އަމީން އާންމު ފާތިމަތު ނިއުޝާ އަށް ސިޓީ އެއް ފޮނުއްވައިފައެވެ.

އެ ސިޓީގައި އަސްލަމް ދެ ކަމަކަށް އެދިވަޑައިގެންފައިވެއެވެ. އެއީ:

  • މަޖިލީހުގެ ގަވައިދުގައި އީވާގެ މައްސަލަ އެޖެންޑާކުރުން އިސްތިސްނާކުރެވޭނެ ހާލަތެއް ބަޔާންކޮށްފައިނުވާތީ އެ މައްސަލަ އެޖެންޑާކޮށްދިނުމަށް
  • ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ މައްސަލަ އެޖެންޑާކޮށްދިނުމަށް

އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމައަށް ތާވަލުކުރަން ނިންމުމަށް ފަހު، އެ މައްސަލަ އެޖެންޑާ އިން ނަގާފައި ވަނީ، މަޖިލީހުގެ ގަވައިދުގެ ދަށުން އެފަދަ މައްސަލަތަކުގައި ބަހުސްކުރަން ކަނޑައަޅަން ޖެހޭ ވަގުތު ކަނޑައެޅިފައި ނެތުމުން ކަމަށް، ނިއުޝާ މީގެ ކުރިން މެންބަރުންނަށް އަންގަވާފައިވެއެވެ.

ވެރިކަންކުރާ އެމްޑީޕީން މަޖިލީހުގެ 13 މެންބަރަކު ވަކިވެ، މެންބަރުން މަޖިލީހުގައި ތަމްސީލުކުރާ ގޮތަށް ބަދަލު އައުމުން، މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލަން ޖެހުނު ނަމަވެސް، ކޮމިޓީތައް އެކުލަވާނުލެވި އޮތުމުގެ ސަބަބުން، ކޮމިޓީތަކުގެ މަސައްކަތްތައް ތިން ހަފްތާ ވަރު ވަންދެން ވަނީ ހުއްޓިފައެވެ. އެއާއެކު، މަޖިލީހުގެ ނައިބު ރައީސް ކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރުމުގެ މައްސަލަ ވެސް އޮތީ ހުއްޓިފައެވެ.

ކޮމިޓީތައް އެކުލަވާލެވުން ލަސްކުރަނީ ނަޝީދު، އީވާގެ މައްސަލަ ހުއްޓުވާފައި ބޭއްވުމަށް ކަމަށް، އެމްޑީޕީން ދަނީ ތުހުމަތުކުރަމުންނެވެ.