ހަނގުރާމައިގެ ރައްދު މަރުހަލާ ފަށާ ޔޫކްރައިނުން ބޭނުން ކުރަމުން ދާ ހުޅަނގުގެ ހަތިޔާރުތައް ހަލާކު ކޮށްލަމުން ދާ ކަމަށް ރަޝިއާއިން ބުނެފިއެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ ފާއިތު ވި 48 ގަޑިއިރުގެ ތެރޭގައި، ޖަރުމަނުން ދިން ލެޕަޑް 2 މަރުކާގެ 7 ޓޭންކާއި އެމެރިކާއިން އިން ބްރޭޑްލީ މަރުކާގެ 5 އުޅަނދު ހަލާކުކޮށްލާފައި ވާ ކަމަށެވެ.

ރަޝިއާއިން ބުނީ، ޔޫކްރެއިނުން ދެމުން ގެންދާ ހަމަލާތައް މަތަކޮށް ފަހަތަށް ޖައްސާފައި ވާ ކަމަށާއި މައިގަނޑު 3 ދިމާއަކުން ހަމަލާ ދެމުން ގެންދާ ކަމަށެވެ. އަދި ބަރިބަރިއަށް ވެހިކަލްތައް ހަލާކު ކޮށްލާފައި ވާނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

މިދިޔަ ދެދުވަހެއްގެ ތެރޭގައި ޔޫކްރައިން ސިފައިން ކުރިއަރަން މަސައްކަތް ކުރީ، ޑޮނެސްކް ގެ ދެކުނުންނާއި ޒެޕްރޯޒިއާ އާ ދިމާއިންނެވެ.

ލިބިފައި ވާ ގެއްލުންތައް ފެންނަ ވީޑިއޯތައް ޓެލްގްރާމާއި ސޯޝަލްމިޑިއާގެ ބައެއް ޕްލެޓްފޯމްތަކުގައި އާންމު ކޮށްފައި ވާ އިރު، ޓޭންކް ތަކާއި ވެހިކަލްތަކަށް ޑްރޯން އަރާ ގޮވާތަން ފެނެއެވެ. އަދި އާންމު ކުރި ބައެއް ވީޑިއޯއިން ފެންނަ ގޮތުގައި ރަޝިއާއިން ވައްޓާލައި ޑްރޯންގައި ހަރުކޮށްފައި ހުންނަނީ އައިސްއަލަމާރީގެ ބައިތައް ކަމަށް ވީޑިއޯ އާންމު ކުރި ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.

ރަޝިއާގެ އަސްކަރީ ބްލޮގަރެއް ބުނީ، ވެލޭކާ ނޮވެސިލްކާ އާ ދިމާލުން އަރަން މަސައްކަތް ކުރި ރޫކްރައިންގެ ފައުޖެއް "ފުނޑާލާފައި" ވާ ކަމަށެވެ. އެއާއެކު އެ ވިލެޖް އަތުލާފައި ވާ ކަމަށް ވެސް ރިޕޯޓް ކޮށްފައި ވެއެވެ.

މި ހަމަލާތަކާ ގުޅިގެން ޔޫކްރައިނުން ބުނެފައި ވަނީ، ބަކްމޫތް އާ ދިމާއިން ކުރިއަރަމުން ދާ ކަމަށާއި 200-1200 ކިލޯމީޓަރު ފަހަތަށް ރަޝިއާގެ ފައުޖުތައް ޖެއްސިއްޖެ ކަމަށެވެ. ނަމަވެސް އެހެން ސަރަހައްދުތަކުގެ ވާހަކަ އާ ގުޅޭ ގޮތުން ޔޫކްރައިން އިން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

މިދިޔަ ހަފްތާގައި ރައްދު ހަމަލާތައް ޔޫކްރައިނުން ފަށާފައި ވާ އިރު، އެގައުމުގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވެފައި ވަނީ، އެމީހުންގެ ހަމަލާތައް ވަރުގަދަ ވާނެ ކަމަށާއި އެ ހަމަލާތައް ދޭނީ ކޮންމެހެން ދުރާލާ އިއުލާން ކޮށް، މާ ބޮޑަށް އިޝްތިހާރު ކުރަމުން ނޫން ކަމަށެވެ.

ދެގައުމުން ވެސް، އެބައެއްގެ ހާލަތާއި ކާމިޔާބީގެ ވާހަކަ ދައްކާއިރު، ދެފަރާތަށް ތާއީދު ކުރާ ނޫސްވެރިން ދަނީ ދެފަރާތަށް ލިބެމުންދާ ގެންލުންތަކާ ގުޅޭ ވީޑިއޯ އާއި ފޮޓޯ އާންމު ކުރަމުންނެވެ. އެފަދަ ފޮޓޯތަކާއި ވީޑިއޯ ތަކުން ފެންނަ ގޮތުގައި، ހަލާކުވެފައިވާ ޓޭންކްތަކާއި ވެހިކަލްތަކުގެ ތެރޭގައި ރަޝިއާގެ އުޅަނދުތައް ވެސް ފެނެއެވެ.

ޔޫކްރައިނުން ރައްދު ހަމަލާތައް ފަށާފައި މިވަނީ، ހައެއްކަ މަަސްދުވަހުގެ ތައްޔާރީ ތަކަށް ފަހުގައެވެ. ޖަރުމަނާއި، އިނގިރޭސިވިލާތް، ޕޮލަންޑް، ޕޯޗްގީޒް އަދި ނޭޓޯގެ ގައުމުތަކާއި އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރާއި ފަންނީ އެހީތެރިކަމާއެކު ގައެވެ.