ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ސީޝެލްސްގެ ރައީސްގެ ދެކަނބަލުން ރާއްޖެއަށް ވަޑައިގެންފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުވަތަކަށެވެ. އެ ދެބޭފުޅުންގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ވެލާނާ އިންޓަރނޭޝަނަށް އެއާޕޯޓުން މަރުހަބާ ވިދާޅުވެފައި ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ
ރައީސް އޮފީހުން ބުނީ، ސީޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަންގެ މި ދަތުރުފުޅުގައި ރައީސް ސޯލިހާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި އެއަށްފަހު ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތައް ބަދަލުކުރުމާއި ދެ ގައުމުގެ ލީޑަރުން މަޝްވަރާ ކުރެއްވި ކަންކަމާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
މީގެ އިތުރުން ރައީސް އޮފީހުން ބުނީ، ސީޝެލްސްގެ ރައީސް ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަކީ ދެ ގައުމުގެ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.
ޖުލައި 1، 1980 ގައި ދިވެހިރާއްޖެއާ ސޭޝެލްސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވާ އިރު، ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި ގައުމުތަކުގެ ތެރޭގައި ސީޝެލްސް ހިމެނެއެވެ. އެހެން ނަމަވެސް މިއީ ރައީސް ސޯލިހް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ސީޝެލްސްގެ ވެރިއަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ސީޝެލްސްގެ ރައީސްގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރުހަބާ ދެންނެވުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ބާއްވަން ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތެއްގައެވެ.