ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާއަށް ފޮނުއްވި ސިޓީއެއްގައެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީގެ ގިން މެންބަރުންތަކެއް ސޮއި ކުރައްވާ ހުށަހަޅާފައިވާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ އިހްތިޔާރު ލިބޭ ކަމުގައި ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރިޔާސަތު ބެލެހެއްޓުމުން އެއްކިބާވީ ނަމަވެސް މަޖިލީހުގެ ގަވާއިދުގައި ބަޔާން ކުރާ މިންވަރުގައި މަޖިލީހުގެ އެންމެހާ ކަންކަން ހިންގުމުގައި ދެމިހުންނާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި މައްސަލަ ހިންގަމުންދާއިރު އަމީންއާންމުގެ މަސްއޫލިއްޔަތަކާއި ވާޖިބުތަކަށް ކުޑަކޮށް ވެސް ހުރަސް އެޅޭ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު ގަވައިދުގައިވާ ގޮތުން ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަންޖެހޭނީ މަޖިލީހުގެ ރައީސަށެވެ.

ރައީސް ނަޝީދު އިތުބާރު ނެތް ކަމަށް ބުނެ މަޖިލީހުން ވަކި ކުރުމަށް ހުށަހަޅާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެމަނިކުފާނު ވަކި ކުރަން 54 ހުށަހަޅާފައި ވަނީ 54 މެންބަރުންގެ ސޮއާއެކުއެވެ. ނަޝީދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕީޖީން ފާސްކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 42 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ އިއްތިފާގުންނެވެ.