މި އަހަރު އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ ނައިބު ރައީސް ފައިސަލް ނަސީމް ކަމުގައި ހަމަޖައްސަވައިފިއެވެ.
މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ހައްޖުވެރިންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ ނައިބު ރައީސް ކަމުގައި ކަނޑައެޅުއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއެވެ.
މާދަމާއިން ފެށިގެން ހައްޖުވެރިން ފުރަން ހަމަޖެހިފައިވާއިރު މި އަހަރު 6 ފްލައިޓަކުން ހައްޖުވެރިން ދަތުރު ކުރާނެއެވެ. އެ ފްލައިޓްތައް އޮންނާނީ މާދަމާ، މި މަހުގެ 13، 15، 16 އަދި 19 ވަނަ ދުވަހު ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެއެވެ. ސައުދީ ސަރުކާރުން މިއަހަރު ރާއްޖެއަށް ދީފައި ވަނީ 1000 ކޯޓާއެވެ.
ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސް، ޖަމާއަތް، ވަގުތު އަދި ހައްޖުވެރިންގެ އަދަދު:
- މި މަހުގެ 12 ވަނަ ދުވަހު، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްއިން 290 ހައްޖުވެރިން – މެންދުރުފަހު 3:10
- މި މަހުގެ 13 ވަނަ ދުވަހު، ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްއިން 90 ހައްޖުވެރިން – މެންދުރުފަހު 12:50
- މި މަހުގެ 15 ވަނަ ދުވަހު، އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑްއިން 90 ހައްޖުވެރިން – ރޭގަނޑު 7:00
- މި މަހުގެ 16 ވަނަ ދުވަހު، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންއިން 290 ހައްޖުވެރިން – މެންދުރުފަހު 3:10
- މި މަހުގެ 16 ވަނަ ދުވަހު، އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން 90 ހައްޖުވެރިން – ރޭގަނޑު 7:00
- މި މަހުގެ 19 ވަނަ ދުވަހު، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްއިން 290 ހައްޖުވެރިން – މެންދުރުފަހު 3:10
އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ހައްޖުވެރިންނަށް ފަސޭހައިން ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެއެވެ. އެގޮތުން ހައްޖުވެރިން އެއާޕޯޓަށް ގެންދިއުމާއި، ލަޖެޓް ކަލެޓްކުރުމުގެ މަސައްކަތް ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ދިވެހި ހައްޖުވެރިންގެ އެންމެހާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ހުރިހާ އިންތިޒާމުތަކެއް ވީހާވެސް ފުރިހަމަޔަށް ގެންދިޔުމަށް ބާރު އެޅުމަށްޓަކައި ސަރުކާރުން ކޮންމެ އަހަރަކުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.