އައްޑޫ ސިޓީ މަރަދޫ ބިން ހިއްކާ ސަރަހައްދުން ވެލި ނަގާ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އަޅާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

މަރަދޫ އަވަށު އޮފީހުން ބުނީ ހިއްކާ ސަރަހައްދަށް އަޅާފައިވާ ވެލިގަނޑުން އެކި ފަރާތްތަކުން ވެލި ނަގަމުންދާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އަދި އެފަދަ ކަމެއް ކުރުމަކީ މަނާ ކަމެއް ކަމަށާ އެކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން މަރަދޫ / މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް އިބްރާހީމް ސޯލިހް އައްޑޫ އަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގައި ފައްޓަވައި ދެއްވާފައިވާ އިރު މަރަދޫ އަދި ހިތަދޫ ބިން ހިއްކުމުގެ މަސައްކަތް އަންނަނީ ބާރު ސްޕީޑްގައި ކުރަމުންނެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގައި އައްޑޫގެ ތިން ރަށެއްގެ ބިން ހިއްކުމުގެ އިތުރުން ރިސޯޓު ހިންގަން މުޅިން އަލަށް ފަސް ރަށެއް ހިއްކުމަށް ވަނީ ނިންމާފައެވެ. އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން ނެދަލޭންޑްސްގެ އޫޑް ޑްރެޖިންއާ ހަވާލުކުރީ މާޗް 27، 2022 ގައެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއަށް 70-75 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ލަފާކުރެވެއެވެ.