އައްޑޫ ސިޓީ މަރަދޫފޭދޫ، މަރަދޫ އަދި ހިތަދޫގައި ހިއްކާ ނިމިފައިވާ ބިންތަކުގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތްކޮށް ދޭނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ މި ބިންތަކުގެ ލޭންޑް ޔޫސް ޕްލޭން ހަދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ސެޕްޓެމްބަރު 13، 2023 ވާ ބުދަ ދުވަހުގެ 10:00 އިން ފެށިގެން ސެޕްޓެމްބަރު 20، ވާ ބުދަ ދުވަހުގެ 14:00 އާ ހަމައަށް ބީލަން ހުށަހަޅުމަށް އެދިފައެވެ.

އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މަރަދޫ އަދި މަރަދޫފޭދޫގައި 76 ހެކްޓަރު ބިން ވަނީ ހިއްކާފައެވެ. އަދި ހިތަދޫގައި 80 ހެކްޓަރު ބިން ވަނީ ހިއްކާފައެވެ. އައްޑޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ހިއްކާފައިވާ ސަރަހަައްދުތަކުގެ ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަސައްކަތެވެ.

އައްޑޫގެ 4 ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަޝްރޫއަކީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިޔަށްގެންދާ މަޝްރޫއެކެވެ.

އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއު އާއި ގުޅޭގޮތުން މީގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ އައްޑޫ ސިޓީގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ގުޅިފައިވަނީ އައްޑޫ ސިޓީގެ ޓޫރިޒަމް ތަރައްގީ އާ ކަމަށެވެ.