އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެއަށް މިހާރު ކުރައްވާ ތިން ދުވަހު ދަތުރުގެ ތެރެއިން އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ޖައިޝަންކަރުގެ މި ދަތުރުގައި އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫގައި ކުރިއަށް ދިޔަ ބިން ހިއްކުމުގެ މަސައްކަތް ބައްލަވާލައްވާ، އެ މަޝްރޫއު ނިންމުން ފާހަގަ ކުރުމަށް ހަމަޖެހިފައި ވާކަމަށެވެ.

މީގެ އިތުރުން ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގައި ރަށްތައް ގުޅާލާ ހަންކެޑެ ބްރިޖްގެ މަސައްކަތް މިހާރު ނިމިފައި ވާކަމަށާއި އެހެންނަމަވެސް ޖައިޝަންކަރުގެ މި ދަތުރުގައި ބްރިޖު ހުޅުވާގޮތަށް ޝެޑިއުލްކޮށްފައި ނުވާކަމަށެވެ.

"ބްރިޖު ހުޅުވުމަށް އަދި ރަސްމީކޮށް ޝެޑިއުލްކޮށްފައެއް ނެތް. އެކަމަކު ސުބްރަމަނިއަމް ޖައިޝަންކަރު މި ބްރިޖުގެ މަސައްކަތް ބެއްލެވުމަށް ވަނީ ހަމަޖެހިފަ." ނިޒާރު ވިދާޅުވިއެވެ.

އައްޑޫ މޭޔަރު ނިޒާރު މިހެން ވިދާޅުވެފައި ވާއިރު ޖައިޝަންކަރުގެ ދަތުރާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީ އިން ނެރުނު ސްޓޭޓްމަންޓުގައި ވަނީ ހަންކެޑެ ބްރިޖު ހުޅުވުމަށް ހަމަޖެހިފައި ވާކަން ހާމަކޮށްފައެވެ. އެހެންނަމަވެސް މިކަމާ ގުޅޭ މައުލޫމާތު ސާފުކުރަން ގުޅުމުން ކަމާ ގުޅޭ އެއްވެސް އިދާރާއަކުން އެ އޮޅުން ސާފުވާ ގޮތެއް ނުވިއެވެ.

ފޮރިން މިނިސްޓްރީން އާންމު ކުރި ސްޓޭޓްމަންޓިގައި ބްރިޖާ ހުޅުވާ ވާހަކަ ހާމަ ކޮށްފައި ވޭ

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން ނެދަލޭންޑްސްގެ އޫޑް ޑްރެޖިންއާ ހަވާލުކުރީ މާޗް 27، 2022 ގައެވެ. އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގައި އައްޑޫގެ ތިން ރަށެއްގެ ބިން ހިއްކުމުގެ އިތުރުން ރިސޯޓު ހިންގަން މުޅިން އަލަށް ރަށްތަކެއްވަނީ ހިއްކާފައެވެ. މި މަޝްރޫއުގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު މި މަޝްރޫއަށް 70-75 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް، އޭރު ވަނީ ލަފާކޮށްފައެވެ.