އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފަތުރުވެރިކަމަށް ހާއްސަ ކުރާ 3 ރަށާއި ހަންކެޑައަށް ބިން އިތުރުކުރުމުގެ މަޝްރޫއުގެ ނިމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފާހަގަކޮށްދެއްވައިފިއެވެ.

އައްޑޫ ސިޓީގެ ބިން އިތުރުކުރުމުގެ މި މަޝްރޫއަކީ އިންޑިޔާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ވެން އޫޑް އިންޑިއާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ ބިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީއަށް 190 ހެކްޓަރުގެ ބިން އިތުރުކުރެވިފައިވާއިރު އިތުރު މަޝްރޫއެއްގެ ދަށުން 42 ހެކްޓަރު ބިން ހުޅުމީދޫއަށް އިތުރުކުރުމުގެ މަސައްކަތް ފެށިގެން ކުރިޔަށް އެބަ ގެންދެއެވެ.

ރައީސް މިއަދު ނިމުން ފާހަގަކޮށްދެއްވި ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފަތުރުވެރިކަމަށް ހާއްސަ ކުރާ 3 ރަށާއި ހަންކެޑައަށް ބިން އިތުރުކުރުމުގެ މަޝްރޫއުގެ ދަށުން މަރަދޫފޭދޫއަށް ޖުމްލަ 76 ހެކްޓަރުގެ ބިން އިތުރުކޮށް ހިތަދޫއަށް 80 ހެކްޓަރުގެ ބިން ވަނީ އިތުރުކޮށްފައެވެ.

ސަރުކާރުން އައްޑޫ ސިޓީ ތަރައްގީ ކުރަމުން އަންނަނީ ސަރަހައްދީ އިގްތިސޯދީ ނާރެހެއްގެ ގޮތުގައެވެ. އެގޮތުން އައްޑޫ ސިޓީގެ ތަރައްގީއަށް ހިންގޭ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި އައްޑޫ ސިޓީއަށް ބިން އިތުރުކުރުމުގެ މަޝްރޫއުގެ އިތުރުން ސިޓީގައި 124 ކިލޯ މީޓަރުގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީކުރުމުގެ މަޝްރޫއާއި އަހަރަކު 1.5 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭ ފެންވަރަށް ޒަމާނީ ހުރިހާ ވަސީލަތްތަކާއެކު އައްޑޫ އިންޓާނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ހިމެނެއެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުއަކީ މާޗް 27، 2022 ގައި ނެދަލޭންޑްސްގެ އޫޑް ޑްރެޖިންއާ ހަވާލުކޮށްގެން، އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެެވެ.