އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، މަރަދޫ-ފޭދޫ ހިއްކި ބިމުގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ފަށައިފި އެވެ.

މަރަދޫ-ފޭދޫ ބިން ހިއްކައި ނިންމާފައި ވަނީ ނިމިދިޔަ ޖޫން މަހުއެވެ. އައްޑޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫއުގެ ތެރެއިން އެންމެ ފުރަތަމަ ބިން ހިއްކާފައިވަނީ މަރަދޫ-ފޭދޫންނެވެ. އެ ދެ އަވަށުގެ ހުޅަނގު ފަރާތުން ޖުމަލް 76 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން ނެދަލޭންޑްސްގެ އޫޑް ޑްރެޖިންއާ ހަވާލުކުރީ މާޗް 27، 2022 ގައެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއަށް 70-75 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ލަފާކުރެވެއެވެ.

މި ބިޔަ މަޝްރޫއުގެ ދަށުން 11 ކިލޯމީޓަރު ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމާއި ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއާއެކު ކުރިއަށް އޮތް 50 އަހަރަށް އެ އަތޮޅުގެ ބިމުގެ ދަތިކަން ހައްލުވެ، މުޅި އަތޮޅުގެ އިގްތިސާދު ކުރިއަރައިގެން ދާނެ މަޝްރޫއެއް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.