އެތައް މަހެއް ވާންދެން ޔޫކްރައިނުން ތައްޔާރު ވަމުން ދިޔަ އަސްކަރީ ހަމަލާތައް ފަށައި ކަމަށާއި، ނަމަވެސް ރަޝިއާގެ ޑިފެންސް ލައިނުން އެ ހަމަތާއް ހުއްޓުވައިފި ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓުން ވިދާޅުވެއްޖެއެވެ.

ހުޅަނގުގެ އަސްކަރީ އެހީއާއި މަދަދާ އެކު ޔޫކްރައިން އިން ފެށި ހަމަލާތަކުގައި، ޖަރުމަނުގެ އެންމެ ޒަމާނީ ލެޕަޑް 2 މަރުކާރުގެ ޓޭންކް ތަކާއި އިނގިރޭސިވިލާތުގެ ޗެލެންޖާ 2 މަރުކާގެ ޓޭންކްތައް ދަނީ ބޭނުން ކުރަމުންނެވެ. އޭގެ އިތުރުން ހަތިޔާރު ހަރުކޮށްފައި ހުރި އެތައް ވެހިކަލަކާއެކު ހަމަލާތައް ފަށާފައި ވާ އިރު، އެއްވެސް ދިމާލަކުން ކުރިއެރިޔަ ނުދީ ހިފަހައްޓާފައި ވާ ކަމަށް ޕުޓިން ވަނީ ވިދާޅުވެފައެވެ. އަދި ޔޫކްރައިންގެ ފައުޖުތަކަށް ބޮޑެތި ގެއްލުންތައް ލިބޭތަން ފެނިވަޑައިގަންނަވާ ކަމަށާއި ކޮންމެ 3 އިން 1 އަށް ބޮޑެތި ގެއްލުން ވާ ކަމަށެވެ. އޭގެ މާބޮޑު ތަފްސީލެއް ނުދެއްވި ނަމަވެސް އޭނާ ވިދާޅުވީ، އެ ރޭޝިއޯ އަކީ ހަނގުރާމައެއްގައި ބޮޑު ގެއްލުމެއް ކަމަށެވެ.

ޔޫކްރައިންގެ ރައްދު ހަމަލާތައް ފެށި ކަމަކަށް ވެސް ނުވަތަ ނުފަށާ ކަމަކަށް ވެސް ޔޫކްރައިން އަކުން ނުބުނެއެވެ. އަދި ރަޝިއާގެ ރައީސް ދެއްކެވި ވާހަކަ އަށް މިހާތަނަށް ރައްދެއްވެސް ދީފައެއް ނުވެއެވެ.

ޔޫކްރައިންގެ ފައުޖުތައް ބަރުހަތިޔާރާ އެކު މައިދާނުގައި ހަރަކާތްތެރި ވަނީ / ފޮޓޯ: ރޮއިޓާސް

ނަމަވެސް ސެޓެލައިޓް ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުން ޔޫކްރައިންގެ އިރުމައްޗާއި ދެކުނު ބިތުގައި ވަރުގަދަ އަށް ހަމަލާ ބަދަލުކުރަމުން ދެއެވެ.

މި ހަމަލާތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރަޝިއާގެ ޑިފެންސް މިނިސްޓަރު ސާޖީ ޝޮއިގޫ ވިދާޅުވީ، ޒެޕްރޯޒިއާ ސަރަހައްދުން ވަންނަން މަސައްކަތް ކުރި 150 އަސްކަރީ ވެހިކަލާއި 1500 ސިފައިން ފަހާލާފައި ވާ ކަމަށެވެ. އަދި އެއީ ރޫކްރައިންގެ 47 ވަނަ މެކަނައިޒްޑް ބްރިގޭޑް ކަމަށާއި އެމީހުން މަސައްކަތް ކުރީ ރަޝިއާގެ ދިފާއު ފޫއަޅުވާލަން ކަމަށެވެ.

އެމެރިކާގެ ތިންކް ޓޭންކެއް ކަމަށް ވާ އިންސްޓިޓިއުޓް ފޯ ދަ ސްޓަޑީ އޮފް ވޯ (އައިއެސްޑަބްލިއު) އިން ބުނީ، ގިނަ މައުލޫމާތު ތަކާއި ހަރަކާތްތަކުން ޔޫކްރައިނުން ރައްދު ހަމަލާ ފަށައިފިކަން ސާބިތު ވާ ކަމަށާއި އަދި މި މަރުހަލާގައި ޔޫކްރައިން އަށް ބޮޑެތި ގެއްލުންތައް ވަމުން ދާތަން ފެންނަ ކަމަށެވެ. އަދި ޕުޓިން އަކީ ހަނގުރާމައިގެ މައިދާނުގައި ހިނގާ ކަންކަމާ ބެހޭގޮތުން އާންމުކޮށް ވާހަކަ ދައްކަވާ ބޭފުޅަކަށް ނުވާ އިރު ޔޫކްރައިންގެ ރައްދު ހަމަލާތަކާ ބެހޭ ގޮތުން ރަޝިއާގެ ރައީސް، ސީދާ ވާހަކަ ދެއްކެވުމަކީވެސް އެ ހަމަލާތަކުގައި ޔޫކްރައިންގެ ފައުޖުތަކަށް ކުރިއަށް ނުޖެހެވޭކަން ދަލީލު ކޮށްދޭ ކަމެއް ކަމަށެވެ.

މިސައިލް ހަމަލާތަކުގައި ޓޭންކެއް ގޮއްވާލަނީ

ނަމަވެސް އެންމެ ގަދައަށް ހަނގުރާމަ ހިނގާ އެއް ސަރަހައްދު ކަމަށް ވާ ބްކްމޫތް އާ ދިމާއިން ޔޫކްރައިންގެ ފައުޖުތައް 200-1100 މީޓަރަކަށް ކުރިއަށް ޖެހިފައި ވާ ކަމަށް ބައެއް ހަބަރުތައް ބުނެއެވެ.

2 އަހަރު ވާން ދާ ހަނަގުރާމަ، އާ މަރުހަލާއަކަށް ފެށިފައި ވާ އިރު، ދެފަރާތުން ވެސް ސާފު މައުލޫމާތުތަކެއް އަދި ނުލިބެއެވެ. ރަޝިއާ އަށް މަދަދުވެރިވާ ޓެލްގްރާމް ޗެނަލްތަކުން ދައްކަނީ ޔޫކްރައިން އަށް ލިބެމުންދާ ގެއްލުންތަކާއި، ހުޅަނގުން ހަދިޔާ ކުރި ޓޭންކްތައް ގޮއްވާލައި މަންޒަރުތަކެވެ. ޔޫކްރައިން އާއި ހުޅަނގުން ބުނަމުން ދަނީ އާ މަރުހަލާގެ މިއީ ކުރީ ކޮޅު ކަމަށާއި ޔޫކްރައިންގެ ފައުޖުތައް ކުރިއަރަމުން ދާ ކަމަށެވެ.