އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ 500 ކުދި ވިޔަފާރި އުފައްދައި 5 އަހަރުތެރޭ 100 މިލިއަނަރުން އުފައްދާ ވިސްނުންފުޅެއް ގެންގުޅުއްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އަށް ރިޔާސީ ޓިކެޓް ހަވާލު ކުރުމަށް ރޭ އަލިމަސް ކާނިވަލުގައި ބޭވި ޖަލްސާގައި ގާސިމް ވަނީ އޭނާގެ މެނިފެސްޓޯގެ ތަފްސީލެއް ދެއްވާފައެވެ. ވެރިކަން ލިބިވަޑައިގެންފި ނަމަ އޭނާ ފުއްދަވާނެ މުހިއްމު ވައުދުތަކަށް އަލިއަޅުއްވާ ލައްވަމުން ގާސިމް ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަރާރިތައް ތަރައްގީ ކުރުމަށް 3 ބިލިއަން ރުފިޔާ ހޭދަ ކުރައްވައިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި މަދުވެގެން 500 ކުދި ވިޔަފާރި ހިންގާ ލީޑަރުން އުފައްދަވާނެ ކަމަށެވެ.

އަދި ވެރިކަމުގެ ފުރަތަމަ ދައުރުގެ ތެރޭގައި ރާއްޖޭގައި 100 މިލިއަނަރުން އުފައްދަވާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. ގާސިމްގެ މެނިފެސްޓޯގައި ގައުމުގައި މިހާރު ހުރި މައްސަލަތަކުގެ ހައްލުތައް ހުންނާނެ ކަމަށާއި ހާސްކަން ފިލުވާލައި، ހަމަޖެހުން ގާއިމު ކުރުމަށް އިންގިލާބީ ބަދަލުތައް އެ މެނިފެސްޓޯގައި ހިމެނޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

އިގްތިސާދީ ގޮތުން ރާއްޖެ އޮތީ ނާޒުކު ފައްތަރެއްގައި ކަން ފާހަގަ ކުރައްވަމުން ގާސިމް ވިދާޅުވީ، މި ސަރުކާރުގެ އިގްތިސޯދީ ހާލަތު އޮތީ ދަރަނި ވެފައި ކަމަށާއި ދަރަނީގެ ހާލަތު އޮތީ ލޮލު ކޮޅަށް ނުފެންނަ ހިސާބަށް ގޮސް އޮބާލާފައި ކަމަށެވެ. ގާސިމްގެ ވެރިކަމުގައި އެ ދަރަނިތައް ކުޑަކޮށް، އާމްދަނީ ލިބޭނެ އިތުރު ގޮތްތަކެއް ހޯއްދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ފުރަތަމަ ތިން އަހަރުގެ ތެރޭ ދައުލަތުގެ ދަރަނި، ޖީޑީޕީގެ 120 ޕަސެންޓުން 90 ޕަސެންޓަށް ތިރި ކުރައްވާނެ ކަމަށާއި ދައުލަތުގެ ހަރަދު ޖީޑީޕީގެ 35 ޕަސެންޓްގައި ހިފަހައްޓަވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ދައުލަތުގެ އާމްދަނީ ޖީޑީޕީގެ 30 ޕަސެންޓަށް މަތިކުރައްވާނެ ކަމަށާއި ސަރައްހަދީ ތަރައްގީ ގެނައުމަށް ހަތް ސަރަހައްދަކަށް ބަހާލައި، އުތުރާއި ދެކުނުގައި އިގްތިސޯދީ ހަބްތަކުގެ ގޮތުގައި ދެ މަންޒިލެއް ގާއިމް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އެ މެނިފެސްޓޯގައި މި ވަގުތު ރައްޔިތުން އުފުލަމުންދާ ތަކުލީފް ތަކަށް ހައްލު ގެނެސްދޭ އެތައް ކަމެއް ހިމެނިފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ. އެ ގޮތުން ބޯހިޔާވެހިކަމަށް ހައްލު ގެނެސްދިނުމަށާއި، އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަވަންސް 7000 ރުފިޔާއަށް އިތުރު ކުރުމާއި ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް އިންޓަނެޓަކީ އަސާސީ ހިދުމަތަކަށް ހަދައި ދެއްވާނެ ކަމަށް ވެސް ގާސިމްގެ މެނިފެސްޓޯގައި ބަޔާންކޮށްފައި ވެއެވެ.