ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ބޮޑު ދެ ޕާޓީއަށް ވެރިކަން ކުރުމުގެ ފުރުސަތު ލިބި އެ ދެ ޕާޓީގެ ވެރިކަން ރައްޔިތުންނަށް ފެނިފައި ވާ ކަމަށާއި ދެން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އާ ފިކުރެއް ތަޖުރިބާ ކޮށްލުމަށް ޖުމްހޫރީ ޕާޓީއަށް ވޯޓު ދިނުމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ރިޔާސީ ޓިކެޓް ހަވަާލު ކުރުމަށް ރޭ އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި ގާސިމް ވާހަކަ ދައްކަވަމުން ވިދާޅުވީ، ޕީޕީއެމް އާއި އެމްޑީޕީ ފިކުރުގެ ވެރިކަން ރައްޔިތުން މިހާތަނަށް ތަޖުރިބާ ކޮށްފައިވާ އިރު، ތަޖުރިބާ ނުކޮށް އޮތީ ޖުމްހޫރީ ފިކުރު ކަމަށެވެ. އަދި މިހާތަނަށް ރައްޔިތުންނަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިފައި ނުވާ ޖުމްހޫރީ ފިކުރު ތަޖުރިބާ ކޮށްލުމަށް އަންނަ ރިޔާސީ އިންތިހާބުގައި ގާސިމަށް ވޯޓު ދީގެން އެ ޕާޓީއަށް ވެރިކަން ހޯދައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ފިކުރަކީ 2008 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި އުފެދުނު ސަރުކާރުތައް ވެރިކަމަށް ގެނައުމުގައި އެންމެ ބޮޑަށް އެހީތެރިވި ފިކުރު ކަމަށް ގާސިމް ވިދާޅުވިއެވެ. އެ ފިކުރަކީ މިއަދު ރާއްޖޭގައި އަމަލުކުރާ ގާނޫނު އަސާސީއާއި ވެރިކަމުގެ ނިޒާމްގެ އިންތައް ކަނޑައެޅުމުގެ މޭސްތިރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ވުޖޫދުކުރި ފިކުރު ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ އެކު ކޯލިޝަން ހެދި އަދި މިހާރުގެ ސަރުކާރު އެމްޑީޕީ ވެސް ކޯލިޝަން ހެދި ޕާޓީއެކެވެ. އެމްޑީޕީއާ އެކު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީން ވަނީ އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ނުހަދާނެ ކަމަށް ބުނެ ވަކިން ވާދަ ކުރަން ނިންމައި ކެމްޕެއިން ފަށާފައެވެ.
އެ ޕާޓީގެ ކޯލިޝަން ދަތުރާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ކޯލިޝަންގެ ހިތި ތަޖުރިބާ ގާސިމް ވަނީ ހިއްސާ ކުރައްވާފައެވެ. ގާސިމް ވިދާޅުވީ، އެ ޕާޓީން ކޯލިޝަން ހަދަނީ އެ ޕާޓީއަށް މޮޅު ގޮތްތައް ހޯދުމުގެ ބަދަލުގައި ރައްޔިތުންގެ މަންފާއަށް ކަމަށެވެ. ނަމަވެސް ވެރިކަމުގެ އާރާއި ބާރާއި އިއްޒަތް ލިބުމުން ކަންކަން ބަދަލުވެގެން ދާ ކަމަށެވެ.
ވެރިކަން ލިބުމުން ދައުލަތުގެ މުދަލާއި ފައިސާއަށް ހަދާ ގޮތުގެ ވާހަކަ ތަފްސީލް ކުރައްވަން ބޭނުން ނުވާ ކަމަށާއި އެކަމުގެ ސަބަބުން، ހަމަނުޖެހުމާއި އިންސާފު ނެތި، ހަމަޖެހުން ގެއްލިގެންދާ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ކޮންމެ ބަޔަކަށް ވެސް ވެރިކަމަށް އާދެވެނީ ކޯލިޝަނާއެކުގައި ކަމަށާއި އެކަމަކު ވެރިކަމަށް އާދެވުމުން ކޯލިޝަނަކީ މާ ބޮޑު ދައުރެއް އޮންނަ އެއްޗަކަށް ނުވާ ކަމަށް ގާސިމް ވިދާޅުވިއެވެ.