މަގުމަތިން ނަގާ ކުނި ގަވައިދާ ހިލާފަށް އެހެން ބިމަކަށް ޖަމާކުރި ކަމަށް ބުނެ، 45،500 ރުފިޔާ އިން މާލެ ސިޓީ ކައުންސިލް އިއްޔެ ޖޫރިމަނާ ކޮށްފިއެވެ.
މީގެ ފަސް މަސް ކުރިން ވެސް އެ އޭޖެންސީން ވަނީ ސިޓީ ކައުންސިލުން މާލޭގެ ސަރަހައްދަކަށް ގަވައިދާ ހިލާފަށް ކުނި އެއްކުރަމުންދާ ކަން އެ އޭޖެންސީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ކުނިތައް ނަގައި އެ ސަރަހައްދު ސާފުކުރުމަށް އަންގާފައި ވާނެ ކަމަށް ބުނެފައެވެ.
އެކަމާ ގުޅިގެން ސިޓީ ކައުންސިލުން އޭރު ބުނީ، އީޕީއޭ އިން އެ މައްސަލައިގައި ކައުންސިލަށް ސިޓީ އެއް ފޮނުވާފައި ވާނެ ކަމަށެވެ. ކައުންސިލުން ވަނީ އެ ސިޓީގައިވާ ގޮތަށް މަސައްލަތްކުރަމުން ދާނެ ކަމުގެ ޔަގީންކަން ދީ، ކުނީގެ މައްސަލަ ހައްލުކުރުމަށް އީޕީއޭ އިން އެއްބާރުލުން ދިނުމަށް ވެސް އެދިފައެވެ.
އީޕީއޭ އިން ނެރުނު ނޫސްބަޔާނުގައި ބުނީ، ގަވައިދާ ހިލާފަށް ކައުންސިލުން ކުނި ޖަމާކުރަމުން ގެންދަނީ "އެދުރުހިޔާ"ގެ އިރުމަތީ ފަރާތުގައި އޮންނަ، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިމަކަށް ކަމަށެވެ. އެ އޭޖެންސީން ބުނީ، މަގުތަކުން ކުނި ނަގައިގެން ގޮސް ކައުންސިލުން އެ ބިމަށް ކުނި އަޅަނީ ރޭގަނޑުގެ ވަގުތު ވެމްކޯގެ ސައިޓު ބަންދުކޮށްފައި ހުންނަ ގަޑިތަކުގައި ކަމަށާއި، ކުނިތައް ނަގައި އުކާލަނީ ހެނދުނު ކަމަށެވެ.
އެ އޭޖެންސީން ބުނާ ގޮތުގައި، އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ މީހުން ކައުންސިލާ ދެކޮޅަށް ޝަކުވާ ހުށަހަޅައެވެ. އެހެންވެ، އެ އޭޖެންސީގެ މުވައްޒަފުން އެ ސަރަަހައްދަށް ގޮސް، ކައުންސިލްގެ އަމަލުތައް ބަލައި ކަށަވަރުކޮށްފައިވާ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.
އެހެންވެ، ކުނި މެނޭޖުކުރުމުގެ ގަވައިދުގެ ދަށުން، 45،500 ރުފިޔާ އިން ކައުންސިލް ޖޫރިމަނާކޮށް، އެއް މަސް ދުވަހުގެ ތެރޭ އެ ފައިސާ ދައްކައި ހަލާސްކުރުމަށް އީޕީއޭ އިން ވަނީ އަންގައިފައެވެ.
ވެމްކޯ އާ އެކު ވެފައިވާ އެއްބަސްވުން އާ ނުކުރަން ނިންމައި، ސިޓީ ކައުންސިލުން މިދިޔަ އަހަރުގެ ފަހުކޮޅު މާލެ އާއި ވިލިމާލޭގެ މަގުތަކުން ކުނި ނެގުމާ ހަވާލުވީ، މާލެ އާއި ވިލިމާލޭގެ މަގުތަކާއި އާންމު ތަންތަން ސާފުކުރުމުގެ މަސައްކަތް ވެމްކޯ އިން ގަވައިދުން ނުކުރާ ކަމަށް ބުނެއެވެ.