ހުޅުމާލެ ފޭސް2ގެ ކަނޑުގައި މަރުވެފައި އޮއްވާ ފެނުނީ ސައުދީ ބިންލާދިން ގްރޫޕްގެ މުވައްޒަފެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ހުމަރުވެފައި އޮތް މީހާ ވަނީ ދެނެގަނެވިފައިވާ ކަމަށާއި އޭނާއަކީ ސައުދީ ބިންލާދިން ގްރޫޕުގައި ރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފެއް ކަމަށެވެ.

އެމީހާއަކީ އުމުރުން 34 އަހަރުގެ، ޗައިނާއަށް ނިސްބަތްވާ ރައްޔިތެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އެ މީހާ ފެނިފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރު 16 އާ ދިމާލުން ކަނޑުމަތިން ކަމަށެވެ. ހަށިގަނޑު ފެނުނީ މިމަހު 6 ވަނަ ދުވަހުގެ އިރުއޮއްސެން ގާތްވެފައި ވަނިކޮށް، 6 ޖަހަން އުޅެނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނި ގޮތުގައި، މަރުވި މީހާގެ ހަށިގަނޑު ފެނުނު އިރު އޮތީ ގިރުވާނު ލީ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ލައިގެން އަދި ކަޅުކުލައިގެ ބޫޓަކަށް އަރައިގެން ކަމަށެވެ.

އެ މީހާގެ ހަށިގަނޑު މިހާރު ވަނީ ގަލޮޅު މޯޗަރީގައި ކަމަށް ފުލުހުން ބުންޏެވެ.