މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ވައިގަދަވުމުގެ ސަބަބުން ރަށްތަކަށް ލިބުނު ގެއްލުންތަކާއި ގުޅިގެން 116 ގެއަކަށް 5.3 މިލިއަން ރުފިޔާގެ އެހީ ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

މިދިޔަ އޭޕްރީލް މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް "ކާރިސާތަކުގައި ލިބޭ ގެއްލުން ބަޔާންކުރާ ފޯމު" 11 ރަށަކުން 163 ފޯމު ހުށަހަޅާފައިވާ ކަަމަށް އެންޑީއެމްއޭއިން ބުނެއެވެ. އޭގެ ތެރެއިން 125 ފޯމު ހުށަހަޅާފައި ވަނީ އައްޑޫ ސިޓީގެ ރަށްތަކުންނެވެ.

ކާރިސާތަކުގައި އެހީ ދިނުމުގެ މިންގަނޑުގެ ދަށުން ޝަރުތުހަމަވާ 6 ރަށެއްގެ 116 ގެއަކަށް 5.3 މިލިއަން ރުފިޔާ ދިނުމުގެ މަސައްކަތް އެންޑީއެމްއޭއިން ކުރަމުންދާއިރު އެންމެ ބޮޑު އަދަދެއްގެ ފައިސާ ދޭން ހަމަޖެހިފައިވަނީ އައްޑޫ ސީޓީ ފޭދޫގެ ގެތަކަށެވެ. އެއީ 4.02 ލައްކަ ރުފިޔާއެވެ.

އެހީ ދޭން ހަމަޖެހިފައިވާ ރަށްތައް އަދި ފައިސާގެ އަދަދު:

  • ސ. މަރަދޫ - 19،590 ރުފިޔާ
  • ސ. ފޭދޫ - 402،102 ރުފިޔާ
  • ސ. މީދޫ - 1،044 ރުފިޔާ
  • ސ. ހިތަދޫ - 42،225 ރުފިޔާ
  • ސ. ހުޅުދޫ - 8،460 ރުފިޔާ
  • ގދ. މަޑަވެލި 57،949 ރުފިޔާ

އެންޑީއެމްއޭއިން ބުނި ގޮތުގައި އެހީގެ ގޮތުގައި ދެވުނު 61 ފަސެންޓު އެހީއަކީ ސްޓަރަކްޗަރަލް ގެއްލުންތަކަށް ދެވުނު އެހީއެވެ. އަދި ބާކީ 39 ޕަސެންޓަކީ ގޭގައި ގެންގުޅޭ ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުންތަކަށް ދިން އެހީއެވެ.

ދަނޑު ބިންތައް، ވިޔަފާރި، މަގުފާރު، ގަރާޖް، ގުދަން ފަދަ ތަންތަނަކީ ކާރިސާތަކުގައި އެހީ ދިނުމުގެ މިންގަނޑުގެ ދަށުން އެހީ ދެވޭ ދާއިރާތައް ނޫންކަމަށް އެންއެމްޑީއޭއިން ބުނެއެވެ.