ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެކިއެކި ގެއްލުން ލިބުނުކަމުގެ ރިޕޯޓު ފަސް ރަށަކުން ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓުން ހާމަކޮށްފިއެވެ.
އެ އިދާރާއިން ބުނީ، ގެއްލުންވި ކަމުގެ ރިޕޯޓު ލިބިފައި ވަނީ ފ. ނިލަންދޫ، ކ.ގުރައިދޫ، ލ.ގަން އަދި ފޮނަދޫ އާއި ސ.މަރަދޫ އިން ކަމަށެވެ. އަދި ކ. ގުރައިދޫ ގެ 20 ގެއެއްގައި ފެންބޮޑުވެ 3 ގެއެއްގެ މީހުން އެހެން ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމެންޓުން ބުނެއެވެ.
ފެން ބޮޑުވުމުގެ ހާދިސާތަކަށް އިޖާބަ ދިނުމުގެ މަސައްކަތް ސިފައިންނާއި، ފުލުހުން އަދި ކައުންސިލްތައް ގުޅިގެން ކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެއެވެ. މީގެ އިތުރުންވެސް މާލޭގެ ބައެއް ގޭގައި ފެންބޮޑުވެފައިވާތީ ވެލި ބަސްތާޖެހުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ އެހީތެރިކަމާއިއެކު ކުރަމުންދާ ކަމަށް އެ އިދާރާއިން މައުލޫމާތު ދިނެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ މައި އިދާރާ، މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 7:30 އިން ފެށިގެން މެންދުރު 1:30އާ ހަމައަށް މުޅި ރާއްޖެ އަށް ހުދު ސަމާލު ނެރެފައެވެ. އަދި ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ނ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވަނީ ރީނދޫ އެލާޓްވެސް ނެރެފައެވެ.
ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ނުވަ މީޓަރުން ދަށުގެ އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމާއި އަދި ސަލާމަތީ ހިދުމަތްދޭ ފަރާތްތަކެއްގެ އުޅަނދު ފިޔަވައި އެސައިޒްގެ އެހެން އުޅަނދެއް ދުއްވުން މަނާ ވާނެއެވެ.
ރީނދޫ ސަމާލަކީ މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާއަކަށް ކަމާބެހޭ ފަރާތްތަކާއި އާއްމު ރައްޔިތުން ސަމާލުވެ ތިބުމަށްޓަކައި ނެރޭ ސަމާލެކެވެ. މި ސަމާލު ނެރޭ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ، ކަނޑުދަތުރު ފަތުރު ނުކުރުމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރެއެވެ.