ރާއްޖެއަށް ކުރި ވިއްސާރައިގެ ސަބަބުން ގެއްލުންވެ ވަގުތީ ހިޔާ އަށް ބަދަލުކުރި އާއިލާތަކުގެ ތެރެއިން މިހާރު އެތަނުގައި އުޅެމުން ދަނީ ދެ އާއިލާއިން ކަަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވެއްޖެއެވެ.
މިދިޔަ ހަފްތާ ތެރޭ ރާއްޖެއަށް ކުރި ގަދަ ވިއްސާރައިގައި ގެދޮރަށް ގެއްލުންވެ ވަގުތީ ހިޔާއަށް 5 އާއިލާއެއް ވަނީ ބަދަލު ކޮށްފައެވެ.
މި ވިއްސާރައިގައި ލިބުނު ގެއްލުމުގެ ތަފްސީލުތައް ހާމަކޮށް ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ހިސާން ހަސަން ވިދާޅުވީ، ދިރިނޫޅެވޭ ވަރަށް ގެއްލުންވި 5 ގޭބިސީއަކަށް ވަގުތީ އެހީތެރިކަން ފޯރުކޮށްދީފައި ވާނެކަމަށެވެ.
އޭގެތެރެއިން ބައެއް ފަރާތްތައް މިހާރުވެސް ވަގުތީ ބޯހިޔަވަހި ކަމުގައި ތިބިކަން ފާހަގަކޮށް ހިސާން ހަސަން ވިދާޅުވީ 2 ގެބީސީއެއްގެ 10 މީހުން އަދިވެސް ވަގުތީ ހިޔާގައި އުޅެމުން ދާ ކަަމަށެވެ. އަދި އާންމު ހާލަތަށް އައުމުން އެމީހުން އާންމު ދިރިއުޅުމަށް ރުޖޫއަ ކުރެވޭނެ ކަމަށް ހިސާން ހަސަން ވިދާޅުވިއެވެ.
ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމަށް އެންޑީއެމްއޭއިން މިހާރު ދަނީ އެސެސްމަންޓު ހެދުމުގެ މަސައްކަތް ކުރަމުންނެވެ.