ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ލިބުނު ގެއްލުން ދެނެގަތުމަށް ހާއްސަ އެސެސްމަންޓެއް ހަދަން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފަށައިފިއެވެ.

އެ އޮތޯރިޓީން ބުނީ، އެ އެސެސްމަންޓް ހެދުމުގެ މަސައްކަތް އެ އިދާރާގެ ޓީމުން ފަށާފައިވާ ކަމަށާއި 11 ޓީމަކުން މިއަދު މާލޭގެ ގެތަކަށް ލިބުނު މައުލޫމާތު ހޯދާފައިވާ ކަމަށެވެ. މީގެ އިތުރުން ވިއްސާރާގައި އަތޮޅު ތެރޭގެ ރަށްތަކަށް ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް ވެސް ކައުންސިލްތަކާއި ގުޅިގެން ކުރަމުންދާ ކަމަށް ވެސް އެއިދާރާއިން ވަނީ ހާމަކޮށްފައެވެ.

އެންޑީއެމްއޭއިން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އަންގާރަ ދުވަހު ރާއްޖެއަށް ކުރި ވިއްސާރާގައި 20 ރަށަކަށް ވަނީ ގެއްލުން ލިބިފައެވެ. އެގޮތުން މަގުތަކުގައި ފެންބޮޑުވުމާއި، ގެތަކަށް ފެން ވަނުން ކަހަލަ ހާދިސާތައް ވަނީ ހިނގާފައެވެ. މި ވިއްސާރާގައި މާލޭގެ އެކަނި 200 އަށްވުރެ ގިނަ ގެތަކަށް ފެން ވަދެފައިވާ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިދިޔަ އަންގާރަ ދުވަހު ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށްފައެވެ. އެގޮތުން މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ މާލެއިން ފަސް އާއިލާއެއް ވަގުތީ ހިޔާއަށް ވެސް ބަދަލުކުރަން ޖެހުނެވެ.

މެޓް އޮފީހުން ބުނެފައި ވަނީ މިއަދާއި މާދަމާވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވަރަށް ވައިގަދަވެ، ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށެވެ. އެގޮތުން އާންމުކޮށް ވައިޖެހެނީ 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވުރެ ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ވިއްސާރަކޮށް ކަނޑުތައް ވެސް ގަދަވާނެތީ މޫސުމަށް ހާއްސަ ސަމާލުކަމެއްދީ، ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.