އާބާދީ އިތުރުކުރަން ހިތްވަރު ދިނުމުގެ ގޮތުން އެމްއެންޕީގެ ވެރިކަމެއްގައި އުފަންވާ ކޮންމެ ކުއްޖަކަށް 5،000 ރުފިޔާ ދޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެއެވެ.

ނާޒިމް މިފަދައިން ވިދާޅުވީ މެނިފެސްޓޯ އިފްތިތާހު ކުރުމަށް ރޭ މީރުމާގައި ބޭއްވި ހަފްލާގައެެވެ.

މިއަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ފުރަތަމަ މެނިފެސްޓޯ އިފްތިތާހުކުރެއްވި ނާޒިމްގެ މެނުފެސްޓޯ ބިނާވެފައިވަނީ އިސްލާމީ ވަހުދަތާއި އުފާވެރި ޒުވާނާ އާއި ބާއްޖަވެރި އާއިލާ އާއި ފަންނީ ޖީލާއި ބަދަހި އިގްތިސާދާއި ސަލާމަތްތެރިކަން ކަށަވަރު ކުރުމާއި އަދުލު އިންސާފާއި ނަޒާހަތްތެރި ވެރިކަމެވެ.

ގިނަ ވައުދުތަކެއް ހިމެނޭ އެ މެނިފެސްޓީގައި ނާޒިމް ވިދާޅުވީ އާބާދީ އިތުރުކުރަންޖެހޭ ކަމަށާއި އެކަމަށް ތަރުހީބުވެސް ދޭންޖެހޭ ކަމަށާއި އޭނާގެ ވެރިކަމެއްގައި "މިނިސްޓްރީ އޮފް ހެޕިނަސް" ގެ ނަމުގައި މިނިސްޓްރީއެއް އުފައްދައި އާބާދީ އިތުރު ކުރުމަށް ހިތްވަރު ދީ އުފަންވާ ކޮންމެ ކުއްޖަކަށް 5،000 ރުފިޔާގެ އިނާޔަތެއްދޭނެ ކަމަށެވެ.

ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކޮށްދޭނެ ކަމަށް އެ މެނިފެސްޓޯގައި 23 ވައުދެއް ހިމެނޭއިރު އެ ވައުދުތަކުގެ ތެރޭގައި މެޑިކަލް އިންޝުއަރެންސް ކާޑެއް ތައާރަފްކޮށް، ބޭސްފަރުވާ އަށް ސަލާން ޖެހުން ނިމުމަކަށް ގެނައުމާއި އެކަނިވެރި މައިންނަށް ދޭ އިނާޔަތް 4،000 ރުފިޔާއަށް އަދި ވަކި ވަރަކަށް އާމްދަނީ ނުލިބޭ އާއިލާތަކަށް މާލީ އިނާޔަތެއް ދިނުމަށް ވަނީ ހިމަނާފައެވެ. އަދި އުމުރުން 18 އަހަރު ވެފައިވާ ކޮންމެ މީހަކަށް 3،000 ރުފިޔާގެ ރޯދަ އެލަވަންސެއް ދޭން ކަނޑައެޅުމާއި ހިޔާ ފްލެޓްތަކުގެ ކުލި 4،000 ރުފިޔާއަށް ކުޑަކުރުމަކީވެސް ނާޒިމްގެ ފުރަތަމަ 30 ދުވަހުގެ ވައުދުގައި ހިމެނޭ ކަމެކެވެ.

މާލޭގައި ދުއްވާ އުޅަނދުފަހަރު މަދުކުރުމަށް ދިވެހިންނަށް ބަސް ދަތުރުތައް ހިލޭކުރުމާއި ރާއްޖޭގެ ދެކުނުން ގެއްލުނު މަސްކަނޑު އަނބުރާ ހޯދުމުގެ މަސައްކަތް ފަށައި، ސިއްރު ކޮށްފައިވާ ސިޓީ ހާމަކުރުމަކީވެސް ނާޒިމްގެ 23 ވައުދުގެ ތެރޭގައި ހިމެނޭ ވައުދުތަކެކެވެ.

ނާޒިމްގެ ބައެއް ވައުދުތައް:

  • ކޮންމެ ކަމެއްގައި ވެސް އެންމެ ފުރަތަމަ ދިވެހިރާއްޖެ އަދި އެންމެ ފުރަތަމަ ދިވެހިން ކަމަށް ހަދާ ސިޔާސަތު ކަނޑައަޅައި ތަންފީޒު ކުރަން ފެށުން.
  • ގޯތީގެ ރަޖިސްޓަރީ ހުށަހެޅުމުން ހައުސިން ލޯނު ހަމަޖައްސަން ފެށުން.
  • ޑޮމެސްޓިކް ކަރަންޓު މީޓަރުތަކުން ކޮންމެ މަހަކު ފުރަތަމަ 100 ޔުނިޓް ހިލޭ ކުރުމާއި ޑޮމެސްޓިކް ފެން ބިލުން 3،000 މީޓަރުގެ ފެން ހިލޭ ކުރުން.
  • އަތޮޅުތަކުގެ އިގްތިސޯދީ ހަރަކާތް ފުޅާކުރުމަށް ގެސްޓް ހައުސް އަޅައި، ތަޅުދަނޑި ހަވާލުކުރުން.
  • ގޭބިސީން އުފެދޭ ޑޮމެސްޓިކް ކުނި އުކާލުން ހިލޭކުރުން.
  • ކޮތަޅުން ނަގާ 2 ރުފިޔާ ކަނޑާލުން.
  • އިސްލާމީ ފަތުވާދޭ މަތީ މަޖިލިސް އަލުން އެކުލަވާލައި، ދީނީ އިލްމުވެރިންނަށް ހައްގު ބަސް ބުނުމުގެ ޖާގަ ދިނުން.
  • ހެލްތު އިންޝުއަރަންސްގެ ތެރެއިން، މައްސަރު ދުވަސްތަކުގައި ބޭނުންކުރާ ޕެޑް، އައިޑީ ކާޑު ދައްކާލުމުން ހިލޭ ލިބޭ ގޮތް ހަދާނަން.
  • މަސްވެރިންނާއި ދަނޑުވެރިންނާއި އެހެން މަސައްކަތްތެރިންނަށް ހާއްސަ ޕެންޝަން ސްކީމެއް ތައާރަފްކުރުން.
  • މަސްވެރި އުޅަނދުތަކަށް އިންޓްރެސްޓް ފްރީ ލޯނުގެ ދަށުން އާރްއެސްޑަބްލިއު ސިސްޓަމާއި ރާޑާ ސިސްޓަމް ދޫކުރަން ފެށުން.
  • މަސްތުވާތަކެއްޗާއި ގޭންގުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ހާއްސަ ޓާސްކްފޯހެެއް އެކުލަވާލައި، އިންޓަވެންޝަން، ރިހިބިލިޓޭޝަނާއި ރީއިންޓެގްރޭޝަނަށް އަމާޒު ކުރާ ސިޔާސަތެއް ތަންފީޒު ކުރަން ފެށުން.
  • ދިވެހިރާއްޖޭގެ ޑިޖިޓަލް ކަރަންސީ ތައާރަފް ކުރުން.
  • އުމުރުން 18 އަހަރު ވުމުން ބޯހިޔާވަހިކަމުގެ ޝަރުތު ހަމަވާ މީހުންގެ ދަފްތަރެއް އެކުލަވާލުން.
  • ޖޭއެސްސީއަކީ ސިޔާސީ ނުފޫޒުން މިންޖުވެ، ޒާތީ ކަންކަމުން އެއްކިބާވެ ތިބެގެން އަދުލުގެ ނިޒާމު ނަޒާހަތްތެރިކަން ކަށަވަރުކުރާ މުއައްސަސާއަކަށް ހެދުން.
  • ރައްޔިތުންގެ މަޖިލީހުގެ ރިކޯލް ވޯޓު ނުވަތަ އެ ދާާއިރާއެއްގެ މީހުން ބޭނުން ނަމަ އެ މީހުންގެ މެމްބަރު ވަކިކުރެވޭ ގޮތް ތައާރަފްކުރުން.
  • ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމަށް ސަބްސިޑައިޒްކޮށް، ވޯޓާ ފިލްޓާ ސިސްޓަމް ގޭބިސީތަކަށް ދިނުން.
  • ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރާ ގޮނޑިތަކުގެ 30 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރުން.
  • ސްޓޫޑެންޓު ލޯން މައާފްކޮށްދޭނަން.
  • މަހުޖަނުންނާ އެއްވަރަށް ޒުވާނުން ގެންދާނަން.

ރިޔާސީ އިންތިހާބުގައި އެމްއެންޕީ ތަމްސީލުކުރާނެ ކެންޑިޑޭޓެއް ނެރުމަށްޓަކައި އެ ޕާޓީން ޕްރައިމަރީ އެއް ބާއްވާނެ ކަން އިއުލާނު ކުރީ މިދިޔަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުގައެވެ. އެ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރިމަތިލެއްވީ ނާޒިމް އެކަނި ކަމުން، އެމްއެންޕީގެ ޓިކެޓް އޮޓޮމެޓިކުން ވަނީ ނާޒިމަށް ކަށަވަރު ވެފައެވެ. އަދި މިދިޔަ މަހުގެ 26 ވަނަ ދުވަހު ނާޒިމަށް ވަނީ ރިޔާސީ ޓިކެޓު ހަވާލުކޮށްފައެވެ.

ނާޒިމްގެ އިތުރުން ރިޔާސީ އިންތިހާބުގައި ދެން ވާދަކުރައްވަނީ އެމްޑީޕީގެ ޓިކެޓުގައި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ޔާމީނާއި، ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. މި ބޭފުޅުންގެ ތެރެއިން އިންތިހާބުގައި ވާދަކުރެއްވުމަށް ޔާމީނަށް އޮތީ ހަނި ފުރުސަތެކެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އިސްވެ އުފައްދަވާ "ދަ ޑިމޮކްރެޓްސް"ގެ ފަރާތުން ވެސް ކެންޑިޑޭޓަކު ނުކުންނާނެ ކަމަށް އެ ޕާޓީން ބުންޏެވެ.