އަވަށްޓެރި ލަންކާގައި ދިރިއުޅޭ 18 އަހަރު ނުފުރޭ ދިވެހި ދަރިވަރުން ވިސާގެ އިންތިޒާމުތައް މިހާރަށްވުރެ ފަސޭހައިން ހަމަޖެއްސައިދޭނެ ކަމުގެ ޔަގީންކަން ލަންކާގެ ސަރުކާރުން ދީފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ލަންކާ ދެމެދު ބޭއްވި "މޯލްޑިވްސް-ސްރީލަންކާ ޖޮއިންޓް ކޮމިޝަން"ގެ ހަތަރުވަނަ ސެޝަން ލަންކާގެ ފޮރިން މިނިސްޓަރު، އަލީ ސަބްރީއާ ބައްދަލުކޮށް ކުރެވުނު މަޝްވަރާތަކުގައި ލަންކާއިން ޔަގީންކަން ދީފައިވާ ކަމަށް ޝާހިދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ޖޫން 6 އިން 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ސްރީލަންކާގެ ހާރިޖީ ވަޒީރު، އެމްޔޫއެމް އަލީ ސަބްރީއެވެ. އެ ސެޝަންގެ ކުރިން ޖޫން 6 ވަނަ ދުވަހު ސީނިއާ އޮފިޝަލުން މިނިސްޓަރު ފެންވަރުގެ ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެވެ.

"މޯލްޑިވްސް-ސްރީލަންކާ ޖޮއިންޓް ކޮމިޝަން"ގެ ބައްދަލުވުމުގެ ތެރެއިން

ސީނިއާ އޮފިޝަލުންގެ މި ބައްދަލުވުމުގައި މަޝްވަރާކުރުމަށް އެޖެންޑާ ކުރެވިފައިވާ ކަންކަމުގެ ތެރޭގައި ވިޔަފާރި އާއި އިންވެސްޓްމަންޓާއި، ފަތުރުވެރިކަމާއި، ސަގާފަތާއި، ތައުލީމާއި، ސިއްހަތާއި، މަސްވެރިކަމާއި، ދިފާއީ ދާއިރާއާއި، ގާނޫނާއި ގާނޫނު ތަންފީޒުކުރުމާއި، ޒުވާނުންނާއި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ދާއިރާގައި އެއްބާރުލުން ދިނުން ހިމެނޭ ކަމަށް މީގެ ކުރިން ސަރުކާރުގެ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.

1984 ވަނަ އަހަރު އެކުލަވާލާފައިވާ "މޯލްޑިވްސް-ސްރީލަންކާ ޖޮއިންޓް ކޮމިޝަން" އަކީ ރާއްޖެއާއި ސްރީލަންކާއަށް މުހިއްމު ދާއިރާތަކާއި ކަންކަމާ ގުޅޭގޮތުންނާއި ދެގައުމުން ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކޮށް މިހާތަނަށް ކުރެވިފައި ހުރި މަސައްކަތްތައް މުރާޖައާކުރުމަށް ދެގައުމުގެ ސަރުކާރަށް ވެސް ލިބޭ ޕްލެޓްފޯމެކެވެ.

ޖޮއިންޓް ކޮމިޝަނުގެ ތިންވަނަ ސެޝަން ބާއްވާފައިވަނީ 2017ވަނަ އަހަރު ދިވެހިރާއްޖޭގައެވެ.