މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަަލާގައި އިތުރު މީހަކު ހޯދަން ފަށައިފިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އެ މައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް / ދަޑިމަގު، ބޭރެފީށި، އުމުރުން 23 އަހަރުގެ މުހައްމަދު އަންސާމް އިބްރާހީމް ކަމަށެވެ.

އަންސާން ހޯދަމުން ދަނީ މާރާމާރީ ހިންގި މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ އަންސާމް ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ޕޮލިސްގެ ނަންބަރު 3035335 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފައެވެ.

އެ މައްސަލާގައި މީގެ ކުރިން 4 ފިރިހެނެއް ހައްޔަރުކޮށްފައިވާއިރު އެ މީހުންގެ ބަންދުގެ މުއްދަތުވެސް ވަނީ ޖަހާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 21 އަހަރާއި، 33 އަހަރާއި، 42 އަހަރާއި، 44 އަހަރުގެ މީހެކެވެ.

އެ މާރާމާރީގައި އަނިޔާވި ފުލުސް މީހާއަށް އެ ރޭ ވަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދީފައެވެ. އެ ފުލުސް މީހާއަށް ހަމަލާ ދީފައިވާ ވީޑިއޯ ބެއްލެވިކަން ފާހަގަ ކުރައްވާ ސީޕީ މުހައްމަދު ވަނީ ހިތްވަރާއެކު އެ ހަމަލާ ހުއްޓުވަން މަސައްކަތް ކުރި ގަލޮޅު ޕޮލިސް ސްޓޭޝަންގެ ސާޖަންޓްއަށް ތައުރީފު ކުރައްވާފައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ އޮފިސަރަކަށް ހުޅުމާލެއިން ބަޔަކު ހަމަލާދީފައި ވަނީ އޭނާ ކުލަ ހެދުމުގައި ހުއްޓައެވެ. އަދި ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ހަމަލާ ދިން މީހުން ފިލަން ގޮސް ވަނީ ހުޅުމާލޭގެ 53 ނަންބަރު ފްލެޓަށެވެ.