ނަޝީދު ވަކިކުރަން 54 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ވައްދައިފިއެވެ.
އެމްޑީޕީގެ 4 މެންބަރަކު ސޮއި ކުރަން އެއްބަސް ނުވި ނަމަވެސް ބޭނުންވާ އަދަދަށް ވުރެ މާ މަތިން އޮސި ހަމަކޮށް ނަޝީދު ވަކިކުރަން މިއަދު ހުށަހެޅި މައްސަލައިގައި ގިނަ ކަންތައްތަކެއް ފާހަގަ ކޮށްފައި ވެއެވެ.
ނަޝީދު ވަކިކުރަން ސޮއި ނުކުރާ މެންބަރުން؛
- ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު
- ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު
- ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު
- ބިލަތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް
ނަޝީދު ވަކިކުރުމަށް ހުށަހެޅި ގަރާރުގައި އިތުރަށް ބުނީ، މަޖިލީހުގެ ރައީސް ކަމަށް އެމަނިކުފާނު އިންތިހާބުކޮށްފައި ވަނީ ގިނަ މެންބަރުންގެ އިއްތިފާގުން ކަމަށާއި، ވޯޓު ދީފައި ވަނީ އާންމުން އެދޭ ކަންކަން ހާސިލްކޮށްދެއްވާނެ ކަމުގެ އުންމީދުގައި ކަމަށާއި، ފުރިހަމަ އިތުބާރާ އެކުގައި ކަމަށެވެ.
ނަމަވެސް އެ މަގާމުގައި ނަޝީދު ދެން އިތުރަށް ހުރެއްޖެ ނަމަ، އާންމުންގެ ހައްގުގައި މެންބަރުން އަދާކުރަން ޖެހޭ ޒިންމާ އަދާކުރުމުގެ ފުރުސަތު މެންބަރުންގެ ކިބައިން ގެއްލި، މަޖިލީހުގެ ގަދަރު އާންމުންގެ ކުރިމަތީގައި ކުޑަވެ، ދައުލަތުގެ ނިޒާމްތަކުގެ ހަރުދަނާ ކަން ފިލައި ދާނެ ކަމަށް ވެސް އެ ގަރާރުގައި ބުންޏެވެ.
ނަޝީދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕީޖީން ފާސްކޮށްފައި ވަނީ އިއްޔެ ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 42 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާ އަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. 19 ވަނަ މަޖިލީހުގައި ތިއްބެވީ 87 މެންބަރުން ކަމަށް ވުމުން، ނަޝީދު ވަކިކުރުމަށް ބޭނުންވާނީ 44 މެންބަރުންގެ ވޯޓެވެ.
ނަޝީދު ވަކި ކުރަން ހުށަހަޅާ ސަބަބުތައް:
- މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާނުލައި، މަސައްކަތްތައް ހުއްޓުވާފައި ވުން
- މެންބަރުންގެ ޒިންމާ އަދާކުރުމުގެ ފުރުސަތު މެންބަރުންގެ ކިބައިން ނިގުޅައިގެންފައި ވުން
- މުހިންމު ބިލުތަކަށް ވޯޓަށް ނާހައި، މައްސަލަތައް ލަސްކުރަމުން ދިޔުން
- ސަބަބު ބަޔާންނުކުރައްވައި ރިޔާސަތު ދޫކުރައްވައި ވަޑައިގެންނެވުން
- ގަވައިދާ ހިލާފަށް ޖަލްސާތައް ކުރިއަށް ގެންދަވައި، ނިޒާމް ގެއްލުވާލަން މަސައްކަތްކުރާ މެންބަރުންނަށް ވާގިވެރިވުން
- ވަކި ފަރާތަކަށް ބުރަވެ، އިންޒާރު ދެއްވައި، ތަކުރާރުކޮށް ފުރައްސާރަކުރެއްވުން
- މަޖިލިހުގެ ބަހުސްތަކުގައި ތަކުރާރުކޮށް ބައިވެރިވެ ވާހަކަ ދެއްކެވުން
މިއަދު މަޖިލީހަށް ވެއްދި މައްސަލައިގައި އެމްޑީޕީގެ މެންމަރުންގެ އިތުރުނެ އެހެން ބައެއް މެންބަރުންވެސް ސޮއި ކުރައްވާފައި ވެއެވެ.
ސޮއި ކުރެއްވި އެމްޑީޕީ ނޫން މެންބަރުން؛
- ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ
- ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
- މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް
- ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް
މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ވަކި ކުރަން ހުށަހަޅާފައި ވާ މި ދަނޑިވަޅުގައި އެ ދެބޭފުޅުން މަގާމުން ވަކިކުރަން ބޭނުން ވަނީ 44 ވޯޓެވެ. އެމްޑީޕީގެ މެޖޯރިޓީ މިވަގުތު މަޖިލީހުގައި އޮތުމުން އެކަން ކުރުމަކީ އުނދަގޫ ކަމަކަށް ނުވާ އިރު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކި ކުރުމުގެ މައްސަލަ މީގެ ކުރިން ވައްދާފައި އޮތުމުން، އޭނާ ވަކި ކުރުމުގެ މައްސަލަ ތަޅުމަށް އެޖެންޑާ ކުރުމަށް 14 ދުވަސް ލިބޭ އިރު އެ މައްސަލަ ވަނީ މިމަހުގެ 11 ވާ އާދީއްތަ ދުވަހަށް ތާވަލް ކޮށްފައެވެ.
މަޖިލީހުގެ ރައީސް އައި ނައިބު ރައީސްގެ އިތުބާރުގެ މައްސަލަ ހުށަހެޅިފައި ވުމުން ދެން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ އެންމެ ގިނަ ދުވަސް ވީ މެންބަރެވެ.
ނަޝީދުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވެއްދި މިއީ މަޖިލީހުގެ މުޅި ތާރީހުގައި ވެސް، ރައީސެއްގެ އިތުބާރު ނެތް ކަމަށް އެންމެ ގިނަ އަދަދެއްގެ ސޮއި އެންމެ އަވަހަށް ހަމަކޮށް މަޖިލީހަށް ހުށަހެޅި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.
އަލްޙަމްދު ލިއްﷲ އަވަސއ ވަކިކުރޭ މިހާރުން މިހާރަށްވެސް