އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި ހަލީމަތު ލަމްހާގެ ބަންދަށް ލުއި ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މި މައްސަލައާ ގުޅިގެން ލަމްހާއަށް ނަފްސާނީ ބައްޔާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކޮށް 100 ދުވަހަށް ބަންދުން ދޫކުރުމަށް އޭނާގެ ވަކީލުން ހުށަހެޅުއްވި ނަމަވެސް, ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވެފައި ވަނީ ޝަރީއަތް ނިމެންދެން ލަމްހާ ބަންދުކޮށްފައިވާ ސަބަބަށް ބަދަލު ނާންނަ ކަމަށެވެ. ލަމްހާ ބަންދުކޮށްފައި ވަނީ އޭނާ ދޫކޮށްލައިފިނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުގެ އިތުރުން މުޖުތަމައުއަށް ނުރައްކާއެއް އޮވެދާނެތީއެވެ.

މި މައްސަލައިގައި މިހާރު ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުން ކުރިއަށްދާއިރު މިއަދު ހަތަރު މީހެއްގެ ހެކިބަސް ނަގާފައިވެއެވެ. އެއީ އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެމްބިއުލާންސް ޕެރަމެޑިކްއެއްގެ ހެކިބަހެވެ. އަދި ވެސް 50 އެއްހާ ހެކިންގެ ހެކިބަސް ނެގުން އެބައޮތް ކަމަށް ވެސް ގާޒީ ވަނީ ވިދާޅުވެފައެވެ.

ލަމްހާއަކީ ޑިސްކް މައްސަލައެއް ހުންނަ މީހެއް ކަމަށްވުމުން ޖަލުގައި އުޅެން ވަރަށް އުނދަގޫ ކަމަށް ބުނެ މީގެ ކުރިން ވެސް އޭނާ ވަނީ ބަންދުން ދޫކޮށްލުމަށް އެދިފައެވެ. ނަމަވެސް އޭރު ވެސް ގާޒީ ނިންމެވީ ލަމްހާ ބަންދުން ދޫކޮށް ނުލުމަށެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.އަދި މޭރީގެ ފިރިމީހާ މާވިން އެސް ވައި ވާގަސްގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ލަމްހާގެ މައްޗަށް ކޮށްފައިވާ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުކުރުމަށް 110 ހެކި ދައުލަތުން ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން 74 ހެއްކަކީ ޝަފައީ ހެއްކެވެ. އަނެއް ދެ ދައުވާ ސާބިތުކުރުމަށް 18 ހެކި ހުށަހަޅާފައި ވާއިރު އޭގެތެރޭގައި 11 ޝަފައީ ހެކި ހިމެނެއެވެ.ލަމްހާގެ މައްޗަށް ކޮށްފައިވާ 3 ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ދިހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.