މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާން ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލި ކަމަށް ބުނެ މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް ހައްޔަރުކޮށްފައި ވަނީ އޮކްޓޯބަރު 27، 2021 ގައެވެ. އަދި މާވިންގެ ލޯބިވެރިޔާ ލަމްހާ ހައްޔަރުކޮށްފައި ވަނީ އެ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހުއެވެ. ލަމްހާގެ މައްޗަށް ކުރަނީ މޭރީ މަރާލުމުގައި ބައިވެރިވުމުގެ ދައުވާއެވެ

މި މައްސަލައިގެ ޝަރީއަތް ލަސްވުމާ ގުޅިގެން ބަންދުން ދޫކޮށްލައިދިނުމަށް ލަމްހާގެ ފަރާތުން އެދުމުން ނޮވެމްބަރު 23، 2023 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝަރުތުތަކާ އެކު އޭނާ ދޫކޮށްލައިފައެވެ. ނަމަވެސް ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުގެ އަމުރަށް އަލުން ލަމްހާ ބަންދުކުރިއެވެ.

އެއަށްފަހު ޝަރީއަތް ލަސްވަމުން ދާތީ ލަމްހާގެ ފަރާތުން ބަންދުން ދޫކޮށްލުމަށް އެދުމުން މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ލަމްހާ ރާއްޖެއިން ފުރައިގެން ނުދިއުމަށާއި ކޯޓުން އަންގާ ކޮންމެ ވަގުތެއްގައި ކޯޓަށް ގަޑިއަށް ހާޒިރުވުމަށާއި ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމަށް ޝަރުތު ކުރުމަށް ފަހު ދޫކޮށްލައިފައެވެ. އެ ނިންމުން ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފުކުރުމަށް ހައި ކޯޓަށް ހުށަހެޅުމުން، ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވީ މައްސަލަ ބަލައިނުގަތުމަށެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ލަމްހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލަ ނުބަލަން ހައި ކޯޓުން ނިންމި ނިންމުން ގޯސްކަމަށް ކަނޑައަޅައި، 10 ދުވަހުގެ ތެރޭ އެ މައްސަލަ ހުށަހަޅައިފިނަމަ ހައި ކޯޓުން އެ މައްސަލަ ބަލައިގަތުމަށް އަންގައިފައެވެ.

އެހެންވެ ހައި ކޯޓުން ވަނީ، ލަމްހާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ކަނޑައަޅައި، ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭ ދައުލަތުން ހުށަހެޅުމުން ލަމްހާގެ ބަންދާ މެދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމުމަށް އަންގައިފައެވެ.

ހައި ކޯޓުގެ ނިންމުމުގައި ފާހަގަކުރި ގޮތުގައި:

  • ލަމްހާ ބަންދުކުރަން ނިންމި ހާލަތްތަކަށް އެއްވެސް ބަދަލެއް ނާދޭ
  • ޝަރީއަތް ލަސްވުމަކީ ޝަރީއަތް ނިމެންދެން ބަންދުކުރަން ޖެހޭ ސަބަބެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވޭ
  • ލަމްހާ ބަންދުކުރިއިރު އޭނާ ޒިންމާދާރު ވަޒީފާއެއްގައި ހުރުމަކީ ބަންދުކުރަން ނިންމިއިރު ފަނޑިޔާރަށް ރިއާޔަތްކުރެވެން ހުރި ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވޭ

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރި ވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ. އަދި މާވިންގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.