އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާގެ މަރުގެ މައްސަލައާ ގުޅޭ ސިރިންޖާއި ލޭގެ ސާމްޕަލްތަކެއްގެ އެނާލިލިސް ހެދި ޑޮކްޓަރުގެ ހެކިބަސް ނަގައިފިއެވެ.

ނިއުދިއްލީގައި ހުންނަ އިންޑިއާ ހައިކޮމިޝަން މެދުވެރިކޮށް މިއަދު ހެކިބަސް ނަގާފައި ވަނީ އިންޑިއާގެ ގުޖުރާތުގެ ޔުނިވާސިޓީއެއްގެ ޕްރޮފެސަރުގެ އިތުރުން މި މައްސަލައާ ގުޅޭ ސިރިންޖާއި ލޭގެ ސާމްޕަލްތަކެއްގެ އެނާލިލިސް ހެދި ޑޮކްޓަރުވެސް މެއެވެ.

މި ދާއިރާގައި 22 އަހަރު މަސައްކަތް ކުރައްވާފައިވާ ޕްރޮފެސަރު ވިދާޅުވި ގޮތުގައި މޭރީގެ ލޭގެ ސާމްޕަލުން ސަކްސިނައިލްކޮލިން މާއްދާ ފެނިފައިވާ ކަމަށެވެ. އިންސާނެއްގެ ހަށިގަނޑުގައި އެ މާއްދާ ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރަށް އެ މާއްދާ ހުންނާނީ އެ މީހަކަށް އެ ބޭސް ދިނުމުން ކަމަށް ޕްރޮފަސަރު ވިދާޅުވެފައި ވެއެވެ. ނަމަވެސް، ލަމްހާގެ ކޮޓަރިން ފެނުނު ސްރިންޖުތަކުން ސަކްސިނައިލްކޮލިންގެ އަސަރު ފެނިފައިނުވާ ކަަމަށް އޭނާ ވިދާޅުވި އެވެ.

ލަމްހާގެ ގެ ބަލާ ފާސްކުރިއިރު ފެނިފައިވާ 3 އިންޖެކްޝަންގެ ތެރޭގައި ”ސަކްސިނައިލްކޮލިން“ އާއި”ޕޮޓޭސިއަމް ކްލޮރައިޑް“ ހިމެނޭއިރު، އެ އިންޖެކްޝަންތަކަކީ މީހުން ހޭނައްތައި، ވާގި ނައްތާލުމަށް ބޭނުންކުރެވިދާނެ ފަދަ އަދި މީހަކު މަރާލެވިދާނެ ފަދަ އިންޖެކްޝަނެއްކަން ދައުލަތުން މީގެ ކުރިން ވަނީ ފާހަގަކޮށްފައެވެ. އެއީ މި މައްސަލައާ ގުޅިގެން 27 އޮކްޓޫބަރު 2021 ދުވަހު ލަމްޙާ ދިރިއުޅޭ ގެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު ފެނުނު އިންޖެކްޝަންތަކެކެވެ.

ދައުލަތުން ބުނި ގޮތުގައި ހާދިސާ ހިނގި ދުވަހު، އިންސާނަކު ހޭނައްތާނެ ފަސޭހަ ގޮތްތައް ހޯދަން މާވިން ވަނީ އިންޓަނެޓުން ސާޗުކޮށްފައެވެ.

މޭރީ ގްރޭސް މަރާލީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޭނާގެ އޮޓޮޕްސީ ރިޕޯޓުން ދައްކައެވެ. މޭރީ މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު 27 ގައެވެ. ލަމްހާ ހައްޔަރު ކުރީ އެ އަހަރުގެ ޑިސެމްބަރު 16 ގައެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރި ވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ. އަދި މޭރީގެ ފިރިމީހާ މާވިން އެސް ވައި ވާގަސްގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ދައުވާތަކަށް ލަމްހާ އަދި މާވިން ވެސް އިންކާރުކޮށްފައި ވާއިރު، ދައުލަތުން ވަނީ މީގެ ކުރިން މައްސަލަ ސާބިތު ކުރަން ގިނަ އަދަދެއްގެ ހެކި ހުށަހަޅައިފަ އެވެ.