އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ވަކިކުރަން މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ފާސްކޮށްފިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ފާސްކޮށްފައިވަނީ މިއަދު ބޭއްވި ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައެވެ. އަދި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ސޮއި ހަމަކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސެއްގައި ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ފާސްވީ ޕީޖީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ. އަސްލަމް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި 42 މެންބަރުން ބައިވެރިވިއިރު އެގޮތަށް ފާސްކޮށްފައިވަނީ 41 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ ވޯޓުން ކަމަށެވެ.

މަޖިލިސް ކުރިއަށް ނުގެންދެވި ހުއްޓިފައި ވަނީ ރިޔާސަތުގައި އިންނަވައިގެން މަޖިލިސް ރައީސް އަމަލުކުރައްވާ ގޮތުން ކަމަށާއި މިއީ މެމްބަރުންގެ ކަންބޮޑުވުން ހުރި މައްސަލައެެއް ކަމަށާއި މަޖިލިސް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން ޕީޖީ ގްރޫޕުގެ ނިންމުމަކަށް ވީ ނަޝީދު މަގާމުން ވަކިކުރުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާ އަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ނަޝީދު މަގާމުން ދުރުކުރަން 44 ވޯޓު ބޭނުންވާނެއެވެ.