ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވެސް ނިޒާމް ގެއްލި، ކުރިއަށް ނުގެންދެވިގެން ނިންމާލައިފިއެވެ.

ބަންޑާރަނައިބު އިބްރާހީމް ރިފްއަތާ ގުޅޭ ގޮތުން އިމްތިޔާޒްގެ މައްސަލަ އެއް ހުށަހަޅާފައިވާތީ، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޑުޖައްސާލަން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވައިފައެވެ. ނަޝީދުގެ ނިންމެވުމާ އެކު، ސައި ވަގުތުގެ ކުރިން ޖަލްސާ ހޫނުވެ، އެމްޑީޕީގެ މެންބަރުން ކޮށްފައިވެއެވެ.

މަޖިލީހުގެ އިމްތިޔާޒަށް ރިފްއަތު އަރާވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، މައްސަލަ ހުށަހަޅުއްވަމުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ، އެ މައްސަލަ ހުށަހެޅުއްވީ އިމުގެ މައްސަލައިގައި މަޖިލީހުގެ ބަހެއް ހޯދަން ނުޖެހޭ ކަމަށް، ރިފްއަތު ލިއުމުން ހުށަހެޅުއްވި ޖަވާބުގައި ވާތީ ކަމަށެވެ.

ހުސައިން ސިފަކުރެއްވީ، އެއީ ރިފްއަތު މަޖިލީހަށް ކުރެއްވި މަލާމާތެއްގެ ގޮތުގައެވެ. އެ ކަމަކީ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކަށް އަރައިގަތުން ކަމަށް ވިދާޅުވެ، އޭނާ ހުށަހެޅުއްވީ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީ އަށް އެ މައްސަލަ ފޮނުވުމަށެވެ. އެ މައްސަލައިގައި ހުސައިންގެ ދެ ސިޓީ އެއް ލިބިވަޑައިގެންފައިވާ ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ:

  • ފުރަތަމަ ސިޓީގައި ހުސައިން އެދިވަޑައިގަތީ ތަޅުމުގައި ބަހުސްކޮށް ކޮމިޓީ އަށް ފޮނުވުމަށް ކަމަށް
  • ދެވަނަ ސިޓީގައި އޭނާ އެދިވަޑައިގަތީ ސީދާ ކޮމިޓީ އަށް މައްސަލަ ފޮނުވުމަށް ކަމަށް

ނަމަވެސް، ސަރުކާރު މެންބަރުންގެ އަޣުލަބިއްޔަތުން އެ މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ. އެކަމަކު ދެވަނަ ސިޓީ އެއް ހުސައިން ފޮނުއްވާފައި ވުމުން، އެ މައްސަލަ އިމްތިޔާޒް ކޮމިޓީ އަށް ފޮނުއްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ގަވައިދުގެ 183 ވަނަ މާއްދާ އަށް ރިއާޔަތްކުރައްވައި، ނަޝީދަށް ތާއީދުކުރައްވާ މެންބަރުންނާއި އިދިކޮޅު މެންބަރުން ނެންގެވި ނިޒާމީ ނުކުތާގައި ވިދާޅުވީ، ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން، އިމްތިޔާޒުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން އެންމެ ބޮޑު އިސްކަމެއް ދޭން ވާނީ އެ މައްސަލައަށެވެ.

އެކަމަކު ސަރުކާރުގެ ފަރާތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، ރިފްއަތުގެ މައްސަލަ ބަހުސްކުރަން ފާސްނުވުމުން، އެ މައްސަލަ ކޮމިޓީ އަށް ހުށަނޭޅޭނެ ކަމަށެވެ.

މި މައްސަލައިގައި ހިޔާލު ތަފާތުވުން އުފެދި، ގާތްގަނޑަކަށް 20 މިނެޓަށް ޖަލްސާ މެދުކަނޑާލައި އަލުން ފެށުމަށް ފަހު ވެސް، އިދިކޮޅު މެންބަރުން ވިދާޅުވަމުން ގެންދެވީ، އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅުއްވާފައި އޮއްވާ ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަން މަސައްކަތްކުރެއްވިދާނެ ކަމަށާއި، ނަމަވެސް އެކަމުގެ ސަބަބުން ނިޒާމީ މައްސަލައެއް ކުރިމަތިވެދާނެ ކަމަށް ވިދާޅުވެ، ނަޝީދު އެންމެ ފަހުން ނިންމެވީ ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޑުޖައްސާލުމަށެވެ.

"އަޅުގަނޑު މައްސަލަ ފަށާއިރު ވެސް އަޅުގަނޑަށް އެނގޭ އިއްޒަތްތެރި މެންބަރުންގެ ކަންބޮޑުވުން އެބަހުރި، އަދި އިއްޒަތްތެރި މެންބަރުން އަޅުގަނޑަށް މާއްދާ ވެސް އެބަ ވިދާޅުވެދެއްވާ، މަޖިލީހުގެ ގަވައިދުގައި މިކަން އޮތް ގޮތް،"

"އަޅުގަނޑު ގަސްދުކުރަނީ ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިވަގުތު ނުހިންގަން، އަޅުގަނދު ގަސްދުކުރަނީ އެޖެންޑާ އައިޓަމް 6.1 އަށް ބަދަލުވާން،"

އޭގެ ފަހުން ނަޝީދު ވަނީ، ބޭރުކޮށްލީ ބަހުސްކުރުމަށް ހުށަހެޅި މައްސަލަ ކަމަށާއި، ކޮމިޓީ އަށް ފޮނުވި މައްސަލައަކީ ވަކި މައްސަލައެއްކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފައެވެ.

"ދެންމެ އަޅުގަނޑު މި ވާހަކަ ތަކުރާރުކޮށް ވެސް ދެންނެވިދާނެ، އެއްފަހަރު ވެސް ދެންނެވިދާނެ، މިތަނަށް ބަހުސްކުރުމަށް ހުށަހެޅުނު މައްސަލައަކާއި ކޮމިޓީން އެ މައްސަލަ ބެލުމަށް ހުށަހެޅުނު މައްސަލައަކާ، ކޮމިޓީގެ މައްސަލަ ހުށަހަޅާނީ އަޅުގަނޑަށް، އެކަމާ އެއްގޮތަށް އަޅުގަނޑު އަމަލުކުރަން ޖެހޭނެ،"

އޭގެ ފަހުން، އެމްޑީޕީގެ މެންބަރުން ރިޔާސަތުގެ މޭޒު ކުރިމައްޗަށް ވަޑައިގެން އިހްތިޖާޖު ކުރައްވަން ފެއްޓެވިއެވެ. އެ އިހުތިޖާޖުގެ ތެރެއިން ސައިގެ ވަގުތަށް ޖަލްސާ މެދުކަނޑާލިއެވެ.

ސައިގެ ވަގުތަށް ފަހު، ރިޔާސަތު ބެލެހެއްޓެވުމާ ހަވާލުވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ، ޖަލްސާ ފަށްޓަވައި، ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އިސްވެ އުފައްދަވާ "ޑިމޮކްރެޓްސް" އަށް ސޮއިކޮށްފައިވާ މީހުންނަށް ސަރުކާރުން ބިރު ދައްކާ ކަމަށް ބުނެ، އެކަން ހުއްޓުވުމަށް ގޮވާލާ މަޖިލިހަށް ހުށަހަޅާ ގަރާރު ހުށަހެޅުއްވުމަށް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފަށް ފުރުސަތު ދެއްވައިފައެވެ.

ނަމަވެސް އޭރު ވެސް މަޖިލީހުގައި ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ގެންދެވީ އަޑުގަދަކުރައްވަމުންނެވެ. އެންމެ ފަހުން ޖަލްސާ އަޑުގަދަވެ، ކުރިއަށް ގެންދެވޭ ގޮތް ނުވުމުން، ރިޔާސަތުން ނިންމެވީ މިއަދުގެ ޖަލްސާ ނިންމާލުމަށެވެ.