ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތު އަރައިގެންފައިވާ ކަމަށް ބުނެ، އިދިކޮޅުން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.
ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އިމްތިޔާޒް މައްސަލަ ހުށަހަޅުއްވައި ވިދާޅުވީ، އެ މައްސަލަ ހުށަހެޅުއްވީ އިމުގެ މައްސަލައިގައި މަޖިލީހުގެ ބަހެއް ހޯދަން ނުޖެހޭ ކަމަށް، ރިފްއަތު ލިއުމުން ހުށަހެޅުއްވި ޖަވާބުގައި ވާތީ ކަމަށެވެ.
ހުސައިން ސިފަކުރެއްވީ، އެއީ ރިފްއަތު މަޖިލީހަށް ކުރެއްވި މަލާމާތެއްގެ ގޮތުގައެވެ. އެ ކަމަކީ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކަށް އަރައިގަތުން ކަމަށް ވިދާޅުވެ، އޭނާ ހުށަހެޅުއްވީ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީ އަށް އެ މައްސަލަ ފޮނުވުމަށެވެ.
އެ މައްސަލައަށް ވޯޓަށް އެހުމުގެ ކުރިން، މައްސަލަ ހުށަނޭޅޭނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ބައެއް މެންބަރުން ނިޒާމީ ނުކުތާ ނަންގަވައި މަޖިލީހުގައި ވާހަކަ ދެއްކެވިއެވެ. ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވީ މަޖިލީހުގެ 186 ވަނަ މާއްދާގެ ދަށުން އިމްތިޔާޒްގެ މައްސަލަ ހުށަހެޅޭނެ ކަމަށެވެ. އެ މާއްދާގައިވާ ގޮތުން:
- މައްސަލަ ހުށަހަޅަން ބޭނުންވާ ޖަލްސާ އެއް ފެށުމުގެ 15 މިނެޓު ކުރިން، މައްސަލައިގެ ބާވަތާއި ދާއިރާ ސާފުކޮށް ބަޔާންކޮށް، މައްސަލައިގެ ނޯޓިސް މަޖިލީހުގެ ރައީސަށް ފޮނުވަން ވާނެ
- އެ މައްސަލަ ވާން ވާނީ ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭ ހިނގާފައިވާ ކަމަކާ ގުޅުން ހުރި މައްސަލައަކަށް
- އެ މައްސަލަ އަށް ބަހުސްކުރަން ނުފެންނަ ކަމަށް މެންބަރުން ވޯޓު ދީފި ނަމަ، އެ މައްސަލަ އެހާހިސާބުން ނިމުނީ
އެ މައްސަލައިގައި ހުސައިންގެ ދެ ސިޓީ އެއް ލިބިވަޑައިގެންފައިވާ ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ:
- ފުރަތަމަ ސިޓީގައި ހުސައިން އެދިވަޑައިގަތީ ތަޅުމުގައި ބަހުސްކޮށް ކޮމިޓީ އަށް ފޮނުވުމަށް ކަމަށް
- ދެވަނަ ސިޓީގައި އޭނާ އެދިވަޑައިގަތީ ސީދާ ކޮމިޓީ އަށް މައްސަލަ ފޮނުވުމަށް ކަމަށް
ދެ މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ބަހުސްކުރަން ހުށަހެޅި މައްސަލަ އަށް ވޯޓަށް އެހުމުން، 48 މެންބަރުންގެ ވޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ. އެ މައްސަލަ އަށް ބަހުސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 20 މެންބަރުންނެވެ.
ހުށަހެޅި ފުރަތަމަ މައްސަލަ ފާސްނުވިޔަސް ދެވަނަ މައްސަލަ ކޮމިޓީ އަށް ފޮނުއްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މަޖިލީހުގައި ތަމްސީލުކުރާ ޕާޓީތަކަށް އައި ބަދަލާ އެކު، ކޮމިޓީތައް އެކުލަވާލެވިފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.