ތަނުގެ މުވައްޒަފުންގެ ހައްގުތަކަށް ހުރަސް އަލައި މުވައްޒަފުންނަށް ބިރު ދެއްކުމަކީ އަދުގެ ފެނަކަ ކުންފުނީގެ މެނޭޖްމަންޓުން ދަންނަ ނުވަތަ ބޭނުން ކުރާ ފަލްސަފާއެއް ނޫން ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ފެނަކަ ކުންފުނިން މިހެން ބުނެ ނޫސްބަޔާނެއް ނެރެފައި ވަނީ، އެ ކުނފުނިން މުވައްޒަފުންނަށް ިރުދައްކައި މުވައްޒަފުންގެ ހައްގުތައް ނިގުޅައިގަންނަ ކަމަށް ތުހުމަތުކޮށް ބައެއް ނޫސްތަކުގައި ލިޔެފައިވާ ލިޔުންތަކާ ގުޅިގެންނެވެ.
އެ ކުންފުނިން ބުނީ، މިހާރަކަށް އައިސް ބައެއް ނުސްތަކުގައި ފެނަކައިގެ ނަން ބޭނުން ކޮށްގެން އެއްވެސް އަސާސެއް ނެތް ހިޔާލީ ވާހަކަތައް އުފައްދައި ޝާއިއު ކުރަމުން އަންނަ ކަން ފާހަގަ ވެފައިވާ ކަމަށެވެ. އެ ކުންފުންޏަކީ ރާއްޖޭގެ އުތުރާއި ދެކުނަށް ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ބްރޭންޑަކަށް ވާ އިރު، އެކަމުން ފައިދާ ނަގައި ނޫސްތަކުން ކިޔުންތެރިން އިތުރު ކުރުމަށް ބޭނުން ކުރާ އުކުޅަކަށް ދޮގު ހަބަރު ފެތުރުން ފާހަގަވެފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ނޮވެމްބަރު 17، 2018 އިން ފެށިގެން އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ އެ ކުންފުނިގެ އެންމެ ބޮޑު ރައުސުލްމާލަކީ މުވައްޒަފުން ކަމުގައި ދެކިގެން ކަމަށް ފެނަކައިން ބުނެއެވެ. މުވައްޒފަުން ބިރު ފިލައި ތިބެ އެއްވެސް ހާސްކަމެއް ނެތި ވަޒީފާ އަދާ ކުރެވޭނެ ފަހި މާހައުލެއް ގާއިމްކޮށްދީ، އަނެއްކުންގެ މިނިވަންކަމާއި ހައްގުތަކަށް އަރައިނުގަނެ އަމިއްލައަށް ލިބިފައިވާ ހައްގުތައް ބޭނުން ކުރުމުގެ ފުރުސަތު ތަނަވަސްކޮށް ދީފައިވާ ކަމަށް ފެނަކައިން ބުނެއެވެ.
އެގޮތުން މުވައްޒަފުންނަށް ބިރު ދެއްކުމަކީ އެ މެނޭޖްމަންޓުން ކުރާނެ ކަމެއް ނޫން ކަމަށާއި ނަމަވެސް ވަކިވަކި މުވައްޒަފުން ފާޅު ކުރާ ހިޔާލާއި ޝުއޫރާއި ބުނާ ބުނުމަކީ އެ ކުންފުނިގެ މެނޭޖްމަންޓްގެ ބަސް ނުވަތަ ކުންފުނިން ދެކޭ ގޮތް ނޫން ކަމަށް ވެސް ފެނަކައިން ބުނެއެވެ. ވީމާ، އެއްވެސް އަސްލެއް އަސާސެއް ނެތި އެ ކުންފުނިގެ މެނޭޖްމަންޓާއި ކުންފުނީގެ އަގު ވައްޓާލަން ކުާ ނާކާމިޔާބު މަސައްކަތް ހުއްޓާލުމަށް ފެނަކައިން ބުނެއެވެ.
އަދި ފެނަކައިގެ ނަން ބޭނުންކޮށްގެން ފައިދަ ހޯދުމަށް ވިސްނާ ނަމަ ރިވެތި އަހްލާގާއި ސްލޫކުގެ ތެރެއިން އެ މަގު ހޯދުމަށް ވެސް އެ ކުންފުނިން ވަނީ ގޮވާލާފައެވެ. މީގެ އިތުރުން އެފަދަ ކަންކަން ކުރާ ފަރާތްތަކުން އެ ފަރާތްތަކާއި މުޖުތަމައުއަށް ފައިދާ ހުރި ބޭނުންތެރި މަސައްސކަތް ކުރުމަށް ލިބިފައިވާ ވަގުތާއި ވަސީލަތްތައް ބޭނުން ކުރުމަށް ފެނަކައިން ވަނީ ނަސޭހަތްތެރި ވެފައެވެ.