މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން އަމަލުކޮށްފައި ވަނީ ވަރަށް ހައިރާންކުރުވަނިވި ގޮތަކަށް ކަމަށާއި، ނަމަވެސް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފިޔަވަޅު އެޅުމުގެ އެއްވެސް ވިސްނުމެއް އަދި ނެތް ކަމަށް، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިއަދު އެޖެންޑާކޮށްފައި ވަނީ ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި ނިޒާމް ގެއްލުވާލައި، އެ މައްސަލައިގެ ބަހުސް މަރުހަލާ ކުރިއަށް ދިޔަ ވަގުތު ބައެއް މެންބަރުން އަޑުގަދަކުރައްވަން ފެއްޓެވުމުން ރިޔާސަތުން ޖަލްސާ ނިންމާލީއެވެ. މިއަދު ހެނދުނު ޖަލްސާ ފެށިތާ މާ ގިނައިރުތަކެއް ނުވެ އިދިކޮޅު ތިން މެންބަރަކު ރިޔާސަތުގެ މޭޒުގެ ކުރިމަތީގައި ހުންނަވައި އަޑުގަދަކުރައްވަން ފެއްޓެވުމުން ކުޑަ ވަގުތުކޮޅަކަށް ޖަލްސާ މެދުކަނޑާލާފައި ވެސް ވެއެވެ.
އެކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ފަރާތުން މައުލޫމާތު ދެއްވަމުން، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ، ބަންޑާރަނައިބުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަޖިލީހުގެ ރިޔާސަތާއި އިދިކޮޅު މެންބަރުންގެ އަމަލުތައް ހުންނެވި ގޮތުން އެމްޑީޕީގެ މެންބަރުންގެ ބޮޑެތި ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި މުހައްމަދު ފާޙަގަކުރެއްވި ބައެއް ކަންބޮޑުވުންތަކަކީ:
- ރިޔާސަތާއި ބަންޑާރަނައިބުގެ ކައިރިއަށް ވަޑައިގެން އިހްތިޖާޖުކުރި ނަމަވެސް، ރިޔާސަތުން އިދިކޮޅު ތިން މެންބަރަކަށް ފިޔަވަޅެއް ނޭޅުން
- އިދިކޮޅުގެ ސުވާލުތަކަށް ޖަވާބު ދިނުމަށް މަޖުބޫރުވާނެ ފަދަ ގޮތަކަށް ރިޔާސަތުގެ ވާހަކަތައް ހުންނަ ގޮތަކަށް އަމަލުތައް ބެހެއްޓުން
- އޭގެ ބަދަލުގައި އެމްޑީޕީގެ ބައެއް މެންބަރުންގެ ވާހަކަ ހުއްޓުވައި، ހަތަރު މެންބަރެއްގެ ނަން އިއްވުން
- އުސޫލާ ހިލާފަށް ޖަވާބުދާރީވުމަށް ބަންޑާރަނައިބަށް ފުރުސަތުދީ، ސުވާލާއި ޖަވާބު ސެޝަނެއް ގޮތުގައި މައްސަލަ ކުރިއަށް ގެންދިއުމަށް ރިޔާސަތުން މަސައްކަތްކުރުން
"ހަގީގަތުގަ މި އޮތީ ވަރަށް ބޮޑު މައްސަލައެއް، ރައްޔިތުންގެ މަޖިލީހަށް އައިއްސަ، ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ، އެ މައްސަލައިގެ ގޮތެއް ނުނިމި އަޅުގަނޑުމެންނަށް އަނެއްކާ ވެސް ޖަލްސާ އިތުރު ދުވަހަކަށް ލަސްވެގެން ދާތަން ފެނުމަކީ އަޅުގަނޑު ދެކޭ ގޮތުގަ އަޅުގަނޑުމެން ކުރަން ހުރި އިތުރު މަސައްކަތްތަކަށް ހިޔަނި އެޅިގެން ދާނެ ކަމެއް،" މުހައްމަދު ވިދާޅުވިއެވެ.
ނަޝީދު ރިޔާސަތުގައި އިންނަވައި، މަޖިލީހުގެ ޖަލްސާތަކުގައި އަމަލުކުރައްވަމުންދާ ގޮތާ މެދު އެމްޑީޕީގެ މެންބަރުން އަބަދުމެ ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ނަމަވެސް، އަދިވެސް ނަޝީދު ރިޔާސަތުން ވަތްކެއް ނުކުރެއެވެ.
އެކަން ފާހަގަކޮށް ނޫސްވެރިޔަކު ކުރި ސުވާލުގެ ޖަވާބުގައި މުހައްމަދު ވިދާޅުވި ގޮތުގައި، ނަޝީދާ މެދު ފިޔަވަޅު ނޭޅެނީ އެމަނިކުފާނަކީ އެމްޑީޕީގެ ރައީސް ކަމަށް ވާތީއެވެ. ނަޝީދު މަޖިލީހުގެ ރައީސްކަމުން ދުރުކުރުމާ މެދު އެމްޑީޕީގެ ޕީޖީން ވިސްނަމުންދާ ކަމަށް ވިދާޅުވެ، އޭނާ ވިދާޅުވި ގޮތުގައި، ނަޝީދު ވަކިކުރުމުގެ މަސައްކަތް ކުރަމުން ނުދަނީ އެކަން ކުރަންވާ ވަގުތު ނުޖެހޭތީއެވެ.
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާ "ދަ ޕްރެސް" އިން ސުވާލުކުރުމުން ވިދާޅުވީ، ޕީޖީން ނަޝީދަށް ފިޔަވަޅު އަޅަން ފަސް ޖެހެނީ، އެމަނިކުފާނަކީ އިސްލާހީ އެކި މަސައްކަތްތަކުގައި ގިނަގުނަ ހަރަކާތްތަކުގައި އުޅުއްވި ބޭފުޅަކަށް ވެފައި، އަދި ނަޝީދަކީ ޕާޓީގެ ރައީސަށް ވެސް ވުމާއެކު، އެމަނިކުފާނަށް ކުރައްވާ އިހްތިރާމްގެ ބޮޑުކަމުން ކަމަށެވެ.
"އެހެންވީމަ ވާގޮތަކީ އެކަހަލަ އިހްތިރާމެއް ދެނީ، އަދިވެސް އިސްލާހުވެ ރަނގަޅުވެދާނެ ކަމުގެ އުންމީދެއްގަ އަޅުގަނޑުމެން މި ތިބެނީ ރައީސް ނަޝީދަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އިހްތިރާމްކުރާ ބޭފުޅެއް، އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަން ރައީސް ނަޝީދަށް" އަސްލަމް ވިދާޅުވިއެވެ.
ޕާޓީގެ އެތެރޭގައި ވޯޓެއް ނަގާ ދުވަސްތަކުގައި، ޕީޖީ ގްރޫޕުން ދެކެމުން އައީ ނަޝީދަކީ ޑިމޮކްރަޓިކް ހަމަތައް ގަބޫލުކުރައްވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައި ކަމަށް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި، ނަޝީދު ކޯފާ އިސްކުރައްވައި، އެމަނިކުފާނުގެ ބައެއް އަމަލުފުޅުތައް ޑިމޮކްރަޓިކް ހަމަތަކާ ހިލާފަށް ގެންގުޅުއްވާތަން ފެނުމުން ނަޝީދަށް ތާއީދުކުރާ މީހުންގެ ތާއީދާއި ތަރުހީބު ކުޑަވެގެން ދާނެއެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު ދުރުކުރާނެ ދުވަހަކާ މެދު ސުވާލުކުރުން އަސްލަމް އެމްޑީޕީގެ ޕީޖީން އަދިވެސް ތިބީ ނަޝީދަށް ހެޔޮ ގޮތާއި ރަނގަޅު މަގު ވިސްނިވަޑައިގެން ކަންކަން އިސްލާހުގެ މަގަށް ބަދަލުރައްވާ ތަން ދެކޭނެ ދުވަހަކަށް ވިދާޅުވެ. އަސްލަމް ވިދާޅުވާ ގޮތުގައި، ނަޝީދު އަމަލުފުޅު ބަހައްޓަވަނީ އެމަނިކުފާނަށް ކަންކަން ދިމާވެވަޑައިގަތް ގޮތުގެ ސަބަބުންނެވެ.
"މިއަދު [ނަޝީދު]ގެ އަމަލުފުޅު ހުރި ގޮތުން އެއީ ދެން ކަންކަން ދިމާވީމަ ދިމާވި ވަގުތީ ހާލަތެއްގެ ގޮތުގަ އަޅުގަނޑުމެން މި ބަލަނީ، އެ ހާލަތުން ވެސް [އެމަނިކުފާނު] އަރައިގަންނާނެ ކަަމަށް އަޅުގަނޑުމެން މި ބަލަނީ،" އަސްލަމް ވިދާޅުވިއެވެ.